ޕާކިސްތާނުގައި ވައި ސާފުކުރުމަށް މަސްނޫއީ ވާރޭ ބޭނުންކުރަނީ

މަސްނޫޢީކޮށް ވާރޭ ވެއްސުމުގެ ގޮތުން ވިލާތަކުގައި ބޭނުންކުރާ ޓެކްނިކް ބޭނުންކުރުމަށް މަތިންދާ ބޯޓުތައް ވަނީ ޕާކިސްތާނުގެ އިރުމަތިން އޮންނަ ލާހޫރު މަތީގައި އުދުހެނީ. ފޮޓޯ/ދުބާއީވައިބްސް މެގަޒިން

ވައި ތަޣައްޔަރުވުން ކުޑަކުރުމަށް ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް މަސްނޫއީ ވާރޭ ބޭނުންކޮށްފިއެވެ.

މަސްނޫއީ ވާރޭ ބޭނުންކުރަން ޖެހުނީ ވެރި ރަށް ލާހޫރުގެ ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމުން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.

މަސްނޫއީކޮށް ވާރޭ ވެއްސުމުގެ ގޮތުން ވިލާތަކުގައި ބޭނުންކުރާ ޓެކްނިކް ބޭނުންކުރުމަށް މަތިންދާ ބޯޓުތައް ވަނީ ޕާކިސްތާނުގެ އިރުމަތިން އޮންނަ ލާހޫރު މަތީގައި ހޮނިހިރު ދުވަހު ފެން ވިއްސަމުން އުދުއްސައިފައެވެ.

ލާހޫރުގެ 10 ސަރަޙައްދެއްގައި މަސްނޫއީ ވާރޭ ބޭނުންކުރަން ވަނީ ނިންމައިފައެވެ.

ލާހޫރަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ އެއް ސިޓީއެވެ. ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ލާހޫރުގެ ވައި ނުސާފުވެފައިވާ މިންވަރު ވަނ ބޮޑުތަނުން އިތުރުވެފައެވެ.

ވައި ނުސާފުވެފައިވާ ލާހޫރު ސިޓީ. ފޮޓޯ/ދަ ޑޯން

ޕަންޖާބު ޕްރޮވިންސުގެ ވެރި ރަށް ލާހޫރުގައި ވައި ނުސާފުވާ މިންވަރު ކުޑަކުރުމަށް ޕަންޖާބު ސަރުކާރުން ވަނީ އެތައް ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ފިހާރަތައް އަވަހަށް ބަންދުކުރުމާއި ދެ ދުވަހުގެ މުއްދަތަށް ސްކޫލްތައް ބަންދުކުރުން ހިމެނެއެވެ. ނަމަވެސް އެކަން ކަމުން މާބޮޑު ބަދަލެއް ނުފެންނަ ކަމަށް ސަރުކާރުން ބުނެއެވެ.

މަސްނޫއީ ވާރޭ އުފެއްދުމަށް ޕާކިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނީ ޢަރަބި އެކުވެރި ޢިމާރާތް، ޔޫއޭއީ އިންނެވެ.

ވާރޭ އުފެއްދުމުގެ އެ ޓެކްނޮލޮޖީ އަކީ ޔޫއޭއީން އަހަރަކު 1،000 އަށް ވުރެ މަޝްރޫއުތަކުގައި ބޭނުންކުރާ ޓެކްނޮލިޖީއެއް ކަމަށާއި އެއީ ދުނިޔޭގެ ބޮޑެތި ގައުމުތައް ކަމުގައިވާ އެމެރިކާ، ޗައިނާ އަދި އިންޑިއާގައި ވެސް ބޭނުންކުރާ ޓެކްނޮލޮޖީއެއް ކަމަށް ޕަންޖާބުގެ އިސް ވަޒީރު މުޙުސިން ނަގްވީ ވިދާޅުވިއެވެ.

އަދި އެ ޓެކްނޮލޮޖީގެ ސަބަބުން އާންމުނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ވެސް ނަގްވީ ވިދާޅުވިއެވެ.

ޕާކިސްތާނުގައި ވައި ނުސާފުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ލާހޫރު ސިޓީއަށް. ފޮޓޯ/ދަ ޑޯން

ފުއްޕާމޭ މެދުވެރިކޮށް ލޭގެ ތެރެއަށް ވަންނަ ކެންސަރަށް މަގުފަހިކޮށްދޭ ކުދި ކުދި ޖަރާސީމު ނުރައްކާތެރި މިންވަރަކަށް ލާހޫރުގެ ޖައްވު ތެރޭގައި ހުރި ކަމަށް އަލްޖަޒީރާއަށް ރިޕޯޓުކޮށްފައިވެއެވެ.

ޕާކިސްތާނުގައި ވައި ނުސާފުވެފައިވަނީ ޑީސަލް އެންދުމާއި މިހާރު ކުރިމަތިވެފައިވާ ފިނި މޫސުމުގެ ސަބަބުންނެވެ.

ވައި ނުސާފުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ލާހޫރަށެވެ. ޖައްވަށް ބޭރުވާ ވިހަ މާއްދާތަކުގެ ސަބަބުން ފުއްޕާމެއަށް އޭގެ އަސަރުކޮށްފައިވާ 11 މިލިއަން މީހުން އެ ސިޓީގައި އެބަތިއްބެވެ.

comment ކޮމެންޓް