ނައިފަރުގެ ފެނުގެ ޚިދުމަތަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެބަކުރެވޭ: ފެނަކަ

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ޅ. ނައިފަރުގައި ފެނުގެ ޚިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ރަށުގައި އެ ޚިދުމަތްދޭ ފެނަކައިން ބުނެފިއެވެ.

މި ކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ ޚިދުމަތް މެދުކެނޑެން ދިމާވާ ސަބަބަކީ ނައިފަރަށް ފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ހިންގާ ފެންޕްލާންޓުތަކުން އުފެއްދޭ ފެނުގެ މިންވަރަށްވުރެ ފެން ބޭނުންކުރެވޭ މިންވަރު އިތުރުވުން ކަމަށެެވެ.

އެހެންކަމުން އެ މައްސަލައަށް އެދެވޭ ހައްލެއް ނެތުމުން އެކި ވަގުތުތަކުގައި ނައިފަރުން ފެން ކެނޑޭކަމަށާއި އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

މި މައްސަލައަށް އެދެވޭ ހައްލެއް ގެނައުމުގެ ގޮތުން ނައިފަރަށް އިތުރު ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަކަމަށް ފެނަކައިން ބުންޏެވެ. އަދި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް ވެސް ފާހަގަކުރިއެވެ.

ނައިފަރުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތަކީ ޑިޒައިންކުރުމަށާއި ނިންމުމަށް ގިނަ އަހަރުތަކެއް ހިނގި މަޝްރޫއެއް ކަމަށް ފެނަކައިން ބުންޏެވެ.

އެހެންކަމުން ނިޒާމުގެ މަސައްކަތް ނިމުނުއިރު ގޭބީސީތައް އިތުރުވެ ޑިޒައިން ޑިމާންޑަށްވުރެ ފެނުގެ ޑިމާންޑު ބޮޑުވީކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ހަމައެއާއެކު މި ނިޒާމު ގާއިމުކުރުމަށްފަހު އެކުންފުންޏާ ހަވާލުކުރިއިރު ވެސް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ފަނަކައިން ފާހަގަކުރިއެވެ.

އޭގެ ތެރޭގައި ނެޓްވޯކުން ލީކުވުމާއި، ޕްލާންޓަށް ދިމާވާ ޓެކްނިކަލް މައްސަަލަތަކާއި، ފެނުގެ ކޮލިޓީ މައްސަލަ ޖެހުން ހިމެނެއެވެ.

މި މަހުގެ ތެރޭގައި ފެނަކައިން ޚިދުމަތްދޭ އާބާދީ ބޮޑު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ވެސް ވަނީ ދެ ދުވަސް ވަންދެން ފެނުގެ ޚިދުމަތް ކެނޑިފައެވެ. އެހެން ދިމާވީ ވެސް ފެން ޕްލާންޓަށް ދިމާވި މައްސަލައަކުންނެވެ.

comment ކޮމެންޓް