ޣައްޒާގައި ނަސްލު ނައްތާލުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ގޮވައިލައްވައިފިއެވެ.
ކޮލަމްބިއާގެ ރައީސް އެގޮތަށް ވިދާޅުވެފައި ވަނީ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައި އެމެރިކާގެ ސަރުކާރު ބައެއް މުވައްޒަފުން ބައިޑެންއަށް ގޮވައިލައްވައި ގޮވައިލެއްވުމަށް އިޝާރާކުރައްވާފައެވެ.
"ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ބައިޑެން އަވަހަށް ފިޔަވަޅު އަޅަން ޖެހޭ. އިސްރާއީލުގައި މިހާރު އޮތް ސަރުކާރު ބަދަލުކުރަންޖެހޭ. ޓޫ ސްޓޭޓް ސޮލިޔުޝަން އަކަށް ގޮސް ޞުލްޙަ ދަމަހައްޓަން ޖެހޭ." ޕެޓްރޯ އެކްގައި ކުރައްވާފައިވާ ޕޯސްޓެއްގައިވެއެވެ.
ބައިޑެން ސަރުކާރުގެ ބައެއް ސިޔާސީ މުވައްޒަފުންނާއި އިދާރީ މުވައްޒަފުން އަދި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުންވެސް ވަނީ ޣައްޒާގައި މިހާރު އިސްރާއީލުން ދެމުންގެންދާ ޙަމަލާތައް ހުއްޓުވައި ދިނުމަށް ބައިޑެން އަށް ދަންނަވާފައެވެ.
ޢިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވަގުތީ ޙަމަލާތައް ހުއްޓައިލައިފައި އޮތް އޮތުން މީގެ 13 ދުވަސް ކުރިން ނިމުމަކަށް އައިސްފައިވާއިރު، އެ މުއްދަތު ނިމުމާއެކު އަނެއްކާވެސް ކުރިއަށްވުރެ ވަރުގަދަކޮށް ޙަމަލާތައް ފެށުން އެއީ ކަންބޮޑުވާ ކަމެއް ކަމަށް ބައިޑެން ސަރުކާރުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ކަމަށްވާ ޖޯޝް ޕޯލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރައީސް ބައިޑަން އާއި ކެބިނެޓް މެންބަރުންނަށް މި ގޮވާލަނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށާއި، ހުރިހާ ރަހީނުން ދޫކޮށްލުމަށް." ޕޯލް ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ހުށަހަޅައި ޤަރާރުތަކަށް އެމެރިކާއިން އަންނަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ. ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލާއި އދ ގެ ސަލާމަތީ މަޖިލީހުން މިދިޔަ ހަފުތާ ހުށަހެޅި ޤަރާރަށްވެސް އެމެރިކާއިން ވަނީ ހުރަސްއަޅައިފައެވެ.
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ޢިސްރާއީލުގެ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ޢުދުވާލީ ޙަމަލާތަކުގައި މިހާތަނަށް 18000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.