ރޯގާތައް ފެތުރޭ މިންވަރު ދަށަށް ދާން ފަށައިފި

ރޯގާ ޖެހިގެން ބަޔަކު ޑޮކްޓަރަށް ދައްކަން ގޮސް --- ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި މަސްތަކުގައި ރާއްޖޭގައި ފެތުރެމުން ދިޔަ ރޯގާތައް މިދިޔަ މަހު ދަށަށް ގޮސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމު ކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާއާއި ބޭރަށްހިންގުން ރިޕޯޓުކުރި އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން، އޮކްޓޯބަރު މަހު ޑެންގީ ހުމުގެ 306 ކޭހެށް ރިޕޯޓް ކޮށްފައިވާ އިރު، މި ދިޔަ މަހު ރިޕޯޓް ކޮށްފައިވަނީ 210 ކޭހެވެ.

އަރިދަފުސް ރޯގާގެ 35،154 ކޭސް އޮކްޓޯބަރު މަހު ރިޕޯޓްކުރިއިރު މިދިޔަ މަހު ރިޕޯޓް ކޮށްފައިވަނީ އެ ރޯގާގެ 30،410 ކޭހެވެ.

މިއަހަރު އެންމެ ގިނައިން އަރިދަފުސް ރޯގާގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގައެވެ. އެއީ 39،481 ކޭސްއެވެ.

އެ ތަފާސް ހިސާބުތަކުގައި ވާގޮތުން، މިއަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މި ދިޔަ މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓްކުރި އަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު މިހާތަނަށް ޓެސްޓް
ކުރި 2145 ސާމްޕަލްގެ ތެރެއިން 389 ސާމްޕަލްވަނީ ޕޮޒިޓިވް ވެފައެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު ރިޕޯޓް ކޮށްފައިވާ 9743 ކޭހާ އަޅާބަލާއިރު ނޮވެންބަރު މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރި އަދަދު ވަނީ 5063އަށް ދަށްވެފައެވެ.

ބޭރަށް ހިންގާ ރޯގާ މިދިޔަ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފެތުރުނެވެ. އަދި ހޮޑުލާ ރޯގާގެ އިތުރުން އަރިދަފުސް ރޯގާއާއި، ވައިރަލް ހުން ވެސް ވަރަށް ބޮޑަށް އިތުރުވިއެވެ.

އެ ބަލިތައް ފެތުރޭ މިންވަރު ދަށްވި ނަމަވެސް، މި ހުރިހާ ބަލިތަކަކުން ވެސް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

comment ކޮމެންޓް