ދުނިޔޭގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމެއް މިއަންނަ އަހަރުގެ ކުރީކޮޅު ފެނުމުގެ ފުރުސަތު ފަހިވެއްޖެއެވެ.
މިފުރުސަތު ހުޅުވިފައިވަނީ މި ދެ ކުޅުންތެރިން ނިސްބަތްވާ ދެ ކްލަބް ކަމަށްވާ އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓާ މައޭމީ އާއި ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު ރަހްމަތްތެރިކަމުގެ މެޗެއްގައި މިއަންނަ އަހަރުގެ ފެބްރުއަރީ މަހު ސައުދީ އަރަބިއާގައި ކުޅުމަށް ހަމަޖެހިފައިވާކަން ހާމަވުމުންނެވެ. މިމެޗަކީ ރިޔާދު ސީޒަން ކަޕްގެ ދަށުން ކުޅެވޭ މެޗެއްކަމަށްވަނީ ޚަބަރު ފެތުރިފައެވެ.
މީގެ ދަށުން އިންޓާ މައޭމީ އަލް ހިލާލް އާވެސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މައޭމީގެ ސްޕޯޓިން ޑިރެކްޓާ ކްރިސް ހެންޑާސަން ހާމަކުރިގޮތުގައި މިމެޗްތަކުގެ ސަބަބުން އިންޓާ މައޭމީއަށް ޚާއްޞަ ތަމްރީންތަކެއް ލިބިގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ފަހަކަށް އައިސް ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ވާދަވެރި ދެ ކުޅުންތެރިންގެ ގޮތުގައި ފާހަގަ ވެފައިވާ އުމުރުން 36 އަހަރުގެ މެސީ އާއި އުމުރުން 38 އަހަރުގެ ރޮނާލްޑޯ އެންމެ ފުރަތަމަ ވާދަވެރި މެޗެއްގައި ބައްދަލުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާއި އެފްސީ ބާސެލޯނާ ބައްދަލުކުރި މެޗްގައެވެ. އޭގެ ފަހުން މިދެ ކުޅުންތެރިންވަނީ 34 ފަހަރެއްގައި ކުރިމަތިލާފައެވެ. މީގެ ތެރެއިން މެސީ 16 ފަހަރަކު ކާމިޔާބީ ހޯދާފައިވާއިރު ރޮނާލްޑޯއަށް މޮޅުވެވުނީ 10 މެޗަކުންނެވެ. އަދި ނުވަ މެޗް ނިމުނީ އެއްވަރު ވެގެންނެވެ.
މި ދެކުޅުންތެރިން މެޗެއްގައި ވާދަކުރާ މަންޒަރު ބެލުމަށް މިހާރުވެސް ކެތް މަދުވެފައި ތިބޭނެ ސަޕޯޓަރުން ވަރަށް ގިނަ ވާނެއެވެ. އެހެން ކަމުން މިއަންނަ އަހަރުގެ ފެބްރުއަރީ މަހު ކުޅުމަށް ހަމަޖެހިފައިވާ މިމެޗްގައި މިދެ ކުޅުންތެރިންގެ ކުރިމަތިލުމެއް ފެންނާނެ ކަމަށް މިވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.