މެސީގެ ކެޕްޓަންކަމުގެ ދަށުން މަޔާމީން އެމްއެލްއެސް ކަޕު ހޯދައިފި

ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން އިންޓަ މަޔާމީން އެމްއެލްއެސް ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން އިންޓަ މަޔާމީން ހޯދީ ވެންކޫވާ ވައިޓްކެޕްސް އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗު ފަށައިގެން ހަވަނަ މިނިޓްގައި މަޔާމީގެ ޓަޑެއޯ އަލެންޑޭ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެންކޫވާގެ އެޑިއާ އޮކަމްޕޯ އަތުން ވަނީ ބައިކޮޅަށް ލަނޑު ވަދެފައެވެ.

ފުރަތަމަ ހާފުގައި މާބޮޑު ކަމެއް ނުކުރެވުނު ނަމަވެސް މެޗުގެ 60 ވަނަ މިިނިޓްގައި ވެންކޫވާގެ އަލީ އަހުމަދު ވަނީ ސުން ކަނޑުވާލާ ނަތީޖާ އެއްވަރުކޮށްފައެވެ.

މަޔާމީން ދެވަަނަ ފަހަރަށް ލީޑުނެގީ މެސީ ދިން ބޯޅައަކުން ރޮޑްރީގޯ ޑެ ޕޯލް ޖެހި ގޯލުންނެވެ. މި ލަނޑު އޭނާ ޖެހީ 71 ވަނަ މިނިޓުގައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި މެސީ ދިން ބޯޅައަކުން އަލެންޑޭ ޖެހި ލަނޑާއެކު މިއާމީން ވަނީ ތަށި ކަށަވަރުކޮށްފައެވެ.

މި ނަތީޖާއާއެކު، މަޔާމީން އެމްއެލްއެސް ކަޕް ފުރަތަމަ ފަހަރަށް ކާމިޔާބުކުރިއިރު، މިއީ ހަވިއޭ މަޝެރާނޯގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ރަސްމީ ތަށްޓެވެ.

މެސީއާއެކު އިންޓަ މަޔާމީން ވަނީ މީގެކުރިން އީސްޓާން ކޮންފަރެންސް ތަށިވެސް ހޯދާފައެވެ.

comment ކޮމެންޓް