މިއަދު ބަޖެޓު ބަހުސް އެއްކޮށް ނިންމަނީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސް މިއަދު އެއްކޮށް ނިންމައިލަން މިއަދުގެ މަޖިލީހުގެ ޖަލްސާގެ ވަގުތު އިތުރުކުރަން ފާސްކޮށްފިއެވެ.

މިއަދުގެ ވޯޓުގެ ވަގުތުގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ، ބަޖެޓާ ގުޅޭ ގޮތުން ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓާ މެދު ބަހުސްކުރަން އެދިވަޑައިގަންނަވާ ހުރިހާ މެންބަރުންނަށް ފުރުސަތު އަރުވައި ނިމެންދެން، ހުސް ވަގުތުކޮޅު ވެސް ދީގެން ޖަލްސާގެ ވަގުތު އިތުރުކުރަން ވޯޓަށް އަހައިފައެވެ.

ވޯޓުގެ ބައިވެރިވީ 44 މެންބަރުންގެ އިއްތިފާގުން ވަނީ ޖަލްސާގެ ވަގުތު ދަންމައިލަން ފާސްކޮށްފައެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ އަންނަ އަހަރަށް ލަފާކޮށް މާލީ ވުޒާރާއިން ހުށަހެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓަށް 306 މިލިއަން އިތުރުކޮށް، ފާސްކޮށްފައެވެ. އިއްޔެގެ ޖަލްސާގައި ވަނީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވައި، ބަހުސަށް ހުޅުވާލައިފައެވެ.

ބަޖެޓު ފާސްކުރިއިރު، އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ގޮތުގައި 43،120،469،058 (43 ބިލިއަން) ރުފިޔާ ބަޖެޓު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، އާ ސަރުކާރުން މި ފެށޭ އަހަރަށް ބަޖެޓުކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމަށް އޮތް 400 މިލިއަން ރުފިޔާއިން 10 މިލިއަން ވަނީ އުނިކޮށްފައެވެ. އަދި، އިންޑައިރެކްޓް ސަބްސިޑީ އުވައިލައި، ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދިނުމަށް ވެސް ބަޖެޓު ކޮމިޓީންވަނީ ފާސްކޮށްފައެވެ.

އެހެންވެ، ބަޖެޓަށް ޖުމްލަ ބަޖެޓުގެ ގޮތުގައި 49،855،823،553 (49.9 ބިލިއަން) ރުފިޔާ ވަނީ ބަޖެޓު ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވައިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ ބަޖެޓުގެ ޖުމުލައަކީ 49.5 ބިލިއަން ރުފިޔާއެވެ.

މި ނިމޭ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުން މިދިޔަ އަހަރު ފާސްކުރީ 42.8 ބިލިއަން ރުފިޔާއެވެ. އަހަަރަކަށް ފަހު އަހަރެއް ދައުލަތުގެ ބަޖެޓު އަންނަނީ އެތައް ގުނައެއް ބޮޑުވަމުންނެވެ.

comment ކޮމެންޓް