"މާލޭ މީހުން ދިރިއުޅެނީއެއް ނޫން، ދިރިތެޅެނީ،"
މާލެއަށް އޮތީ އެއް މައްސަލައެއް ދެ މައްސަލައެއް ނޫނެވެ. މަގެއް މައްޗަށް ނުކުތަސް، ގޭތެރެއަށް ވަނަސް ހައްތަހައި ވެސް ފެންނަނީ މާލެ ބޮންސުންލާފައި އޮތް މިންވަރެވެ. މި ތަން އޮތީ ބަންދުވެ، ނޭވާ ނުލެވޭ ވަރަށް ބަރާވެފައެވެ. އޮތީ ހާސްކަމާއި ކަންބޮޑުވުމެވެ.
މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމަށް އޮތީ ޖަހާފައި އޮތް ބޮޑުގޮށް ނައްޓައިލުމެވެ. މާލެ ނިއުޅައިލުމެވެ.
"އަޅުގަނޑާ ބައްދަލުކުރަން އައި މީހެއް ކައިރީ އަޅުގަނޑު އަހައިލީ އަޅެ ބުނެބަލާށޭ، އެންމެ ކަމެއް ވެސް މާލޭގައި ރަނގަޅަށްދާ ކަމެއް ބުނެލަދީބަލާށޭ. އެ ބޭފުޅުންނަށް އެންމެ ކަމެއް ވެސް ބުނެ ނުދެވުނު،" އިއްޔެ 'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުގައި ނިމުނު ދައުރު އެމްޓީސީސީގެ ސީއީއޯކަން ކުރެއްވި އާޒިމް ވިދާޅުވިއެވެ.
"އެހެންވީމާ ވަރަށް ބޮޑު މަސައްކަތަކާ ހަވާލުވާން އަޅުގަނޑު މި އަންނަނީ. އަޅުގަނޑު މި އަންނަނީ އަޅުގަނޑަކީ މި ކަހަލަ މަސައްކަތްތައްކޮށް ތަޖުރިބާ ލިބި، ތަންތަން ހިންގުމުގެ އެތައް ތަޖުރިބާއެއް ލިބިގެން،"
މީގެ ކުރިން ފެން ކުންފުނި އެމްޑަބްލިއުއެސްސީއާއި އެސްޓީއޯ ހިންގުމުގައި ވެސް އުޅުއްވި އާޒިމަށް މިއީ ކައުންސިލެއް ހިންގަންވީ ވަގުތުކަން ވިސްނުނީ އެ ތަޖުރިބާއާއި މާލޭގެ މި ހާލަތުންނެވެ. އެހެންވެ، އޭނާ އެ ނުކުންނެވީ މާލޭ ނިއުޅައިލާށެވެ.
އޭނާއަށް މާލެއަކީ 'ސްލަމް'އެކެވެ. ރަނގަޅަކަށް އެންމެ ކަމެއް ވެސް ނުދެއެވެ.
"ސައުތް އީސްޓް އޭޝިއާގައި އެންމެ ޒަމާންވީ ކެޕިޓަލް މާލެއަކީ. އަޅުގަނޑުމެންނަށް މި ކެޕިޓަލް ބޭރު ގައުމުތަކަށް ވިއްކޭނެ، އެ މީހުން މި ތަން ބަލައިލަން އަންނަން ބޭނުންވާނެ. މިއީ އަޅުގަނޑުމެންނަށް ވަރަށް ބައިވަރު އާމްދަނީ ލިބޭނެ ކަމަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.
"ޕެރިހަށް ދާގޮތަށް، ނިއުޔޯކަށް ދާގޮތަށް، އަޅުގަނޑުމެންނަށް މާލެ ޕްރޮމޯޓު ކުރެވޭނެ މި ސައުތު އީސްޓުގައި އޮތް އެންމެ ޒަމާންވީ ކެޕިޓަލްގެ ގޮތުގައި ވެސް،"
30 އަހަރުގެ ތަޖުރިބާއިން ބޭނުމީ އެތެރެ ރަނގަޅުކުރަން
ވިޔަފާރީގެ ތެރޭގައި މައިގަނޑު ގޮތެއްގައި މަސްއޫލުވެ، އުޅޭ، އާރްސީސީގެ އާއިލާއަށް ނިސްބަތްވާ އާޒިމަކީ 'ކުންފުންޏެއް ހިންގަން ސުވާލެއް ނެތްހާ ފަރުވާތެރި މީހެކެވެ. އެކަމަކު، އޭނާ އަންނަނީ ކައުންސިލެއް ހިންގާށެވެ.
އޭނާގެ ތަޖުރިބާއިން ލިބުނު ފިލާވަޅަކީ މައްސަލަތައް ހައްލުކުރަން އެންމެ މުހިއްމު އިސްކަމެއް ދީގެން ކުރަންޖެހިފައި އޮތް ކަމަކީ ސިޓީ ކައުންސިލްގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުކުރުން ކަމެވެ. އެހެންވެ، އެންމެ ފުރަތަމަ ކަމަކަށް ކުރަން އޮތީ އެ ކައުންސިލް ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމެވެ. އެއް ކަމަކަށް އޮތީ ހާމަކުރުމެވެ. ކައުންސިލްގެ އާމްދަނީއާއި ޚަރަދާއި ވާނުވާ މާލޭ މީހުންނަށް ބުނެދޭން އާޒިމް ބޭނުމެވެ.
"ރައްޔިތުންގެ މުދަލަށްވާގޮތް ރައްޔިތުންނަށް އެނގެން ޖެހޭނެ. ރައްޔިތުންގެ މުދަލުން ކިހާ އާމްދަނީއެއް ނެރެވުނުތޯ، ކިހާ ޚަރަދެއްކުރިތޯ މި އެނގެންޖެހޭނެ،" އާޒިމް ވިދާޅުވިއެވެ.
ކުރިން އޭނާ ހުންނެވި އޮފީސްތަކުގައި ވެސް އެ ހުރިހާ މައުލޫމާތެއް ގަވާއިދުން ހާމަކޮށްފައިވާނެއެވެ. ފޮރުވީއަކީ ނޫނެވެ.
ދެން ކުރާން އޮތް އެންމެ މުހިއްމު ކަމަކީ 'ވެރިންނަށް ނުގުޅައި ޚިދުމަތް ހޯދޭނެ މަގެއް' ހޯދައިދިނުމެވެ. ކޮންމެ ކަމެއް ކުރެވެން އޮތް މަގަކީ ވެރިމީހާއަށް ގުޅުން ކަމުގައި ވެގެންވާނެ ކަމަކަށް އާޒިމް ގަބޫލެއް ނުކުރެއެވެ.
"މީހަކަށް ގުޅައިގެނެއް ނޫން ކަންތައް ކުރަން ޖެހޭނީ. މުޅި ރާއްޖޭގައި މިއޮތް ސަގާފަތަކީ ވެސް މީހުން ތަންތަނަށްލާ މީހުންގެ މުހިއްމުކަން ދެއްކުމަށްޓަކައި އެ ސިސްޓަމްތައް ޑިސްޓްރަޕްޓްކޮށްލައިގެން ތިބެނީ. މީހަކަށް ގުޅައިގެން ކަމެއް ކުރެވެނީ،" އޭނާ ވިދާޅުވިއެވެ.
"މީހުން މީހުންނަކައި ނުވެސް ގުޅާނެ، އަސްލު ސިސްޓަމްގެ ތެރެއިން ކުރެވެންޏަކާއެއް. އެ ކަހަލަ ކަންތައްތައް އެގޮތަށް ބާއްވަނީ ގޯސް ކަންތައްތައް ހިންގަންވެގެން، ކޮރަޕްޝަންގެ އަމަލުތައް ހިންގަންވެގެން،"
ހުރިހާ ގޯހެއް ގުޅެނީ ތޮށްޖެހުމާ
މާލެއަކީ ހުސް އެކަނި ބާރުބޮޑު ތަނެއް ނޫނެވެ. މި ތަނެއްގައި ސައިކަލެއް ބައިންދާލާނެ ތަންކޮޅެއް ނެތެވެ. އަންހެން ދަރީންނާއި ބައްޕައިން އުޅެނީ އެއް ކޮޓަރީގައެވެ. މާލެއަކު ހަމައެއް ލަމައެއް ނެތެވެ. އެއީ، މާލެއަށް ދިމާވެފައި އޮތް ހުރިހާ އިޖުތިމާއީ މައްސަލަތަކެއްގެ ފެށުމެވެ. އެ ހުރިހާ މައްސަލައެއް ގޮސް އާޚިރުގައި ގުޅެނީ މާލޭ މީހުން ތެޅޭ ހާލާއެވެ.
"ތޮށްޖެހިފައި އޮތް މާލެ، ނޭވާލެވޭ މާލެއަކަށް ހަދައިދިނުމަށްޓަކައި އެންމެ މުހިއްމު ކަމަކީ މި އުޅެންޖެހޭ އުޅުމަށް ރަނގަޅު ހައްލެއް ހޯދައިދިނުން،" އާޒިމް ވިދާޅުވިއެވެ.
އެހެންވެ، މާލޭގެ އަމާންކަން އަނބުރާ ހޯދަން ވެސް، އިޖުތިމާއީ މައްސަލަތައް ހައްލުކުރަން ވެސް، އޮތް ހައްލަކީ މާލޭގެ ތޮށްޖެހުން ފިލުވުމެވެ. އާޒިމަށް އޮތް އެންމެ ބުރަ މަސައްކަތަކީ އެއީ ކަމަށް އޭނާ އެ ހުންނެވީ މާ ކުރިން ނިންމަވައިގެންނެވެ.
މާލެއަށް ދިމާވެފައި އޮތް މައްސަލަތައް ހައްލުކުރަން ފުރަތަމަ ބަލަން ޖެހެނީ މައްސަލައިގެ އަސްލަށެވެ. އާޒިމަށް އެއިން ފެންނަނީ ހައްތަހައި ވެސް ގޯހެވެ. ސަބަބެއް ކަމަށް އެ ބުނަނީ ތޮށްޖެހިފައި އޮތުމެވެ. އެހެންވެ، އާޒިމް ހައްލުކުރަން އޮތީ މާލެއަށް ބަރާވެފައި އޮތް ބަރާވުމެވެ.
"ރައްޔިތުން ވަރަށް މާޔޫސްވެފައި އަސްލުގައި ތިބީ. ސިޔާސީ މަގާމުތަކަށް މީހުން ހޮވުމަށް ވެސް މާޔޫސްވެފައި އަސްލު،" އޭނާ ވިދާޅުވިއެވެ.
މާލެ ޖެހޭނީ ނިއުޅައިލަން
ރާއްޖެ އެއް ފަރާތްކޮށްފައި، މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެންމެ ކާރޫބާރޫ އެންމެ ތޮށްޖެހިފައި އޮތް ތަނަކީ މާލެއެވެ. އެ މީހުންނަށް ހަމަނޭވާ ލެވޭނެ ގޮތް ހަދައިދޭން ޖެހެއެވެ. އެކަން ކުރަން ޖެހޭނީ މާލެ ނިއުޅައިލާށެވެ. އެއް ތަނަކަށް ބަރިބަރިއަށް ޖަމާވެފައި އޮތް މީހުން ބަހައިލާށެވެ.
"ރައްޔިތުންނަށް ގޯތި ދޭން ނިންމި ނިންމުން ވަރަށް އަވަހަށް ތަންފީޒުކުރަން ޖެހޭ. އެކަން ލަސްވާނެ އެއްވެސް ކަމެއް އެއްވެސް މީހަކު ކުރުމަށް އަޅުގަނޑު ތާއީދެއް ނުކުރަން،" އާޒިމް ވިދާޅުވިއެވެ.
މާލޭގައި އެތައް ސަރުކާރެއްގެ އެތައް ރައީސުންނެއްގެ އިހުމާލުން ޖެހިފައި އޮތް ބޮޑު ގޮށް ނައްޓައިލަން އޮތީ މާލެ ނިއުޅައިލުމެވެ.
"އެމްޑީޕީ ސަރުކާރުން ގޯތި ދޭން ނިންމާފައި ހުރި ތަންތަނަށް މީހުން ނުގެންގޮސް. އެ ތަނަށް ޚަރަދުކުރަން ޖެހޭ ފައިސާ ގޮސް އެހެން ތަނަކަށް އަޅައި، ދޮންވެލިގަނޑެއް ހަދައިލުމަކީ އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ހިތަށް ކެތްވާވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
"މާލޭ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދަން އެންމެ މުހިއްމު ކަމަކީ ގޯތި ދިނުން،"
ކުރީ ސަރުކާރު ނިންމައިލީ މާލޭ މީހުންނަށް އާޒިމް އެ ބުނާ ގޯތި ދީފައެވެ. އެކަމަކު، ގިނަ މީހުންނަށް ގޯތި ލިބުނު ފަޅުތައް އަދި އޮތީ ހިއްކައި ނުނިމިއެވެ. މި ސަރުކާރުން އަނެއްކާ ވެސް ބޯހިޔާވަހިކަމުގެ މައްސަލައެއް ހޯދަނީ އިތުރު ރަށެވެ.
އާޒިމަށް އެކަން ގޯހެވެ. ފުރަތަމަ މި ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިން ތަންތަނުގައި ފެނާއި ނަރުދަމާ ގާއިމުކޮށް، މަގުތަކާއި މިސްކިތްތަކާއި ސްކޫލާއި ސިއްހީ މަރުކަޒުތައް ހަދަން ޖެހެއެވެ. އުފެދިފައި މިއޮތް ސަރުކާރުން އެންމެ މުހިއްމު އިސްކަމެއް ދީގެން ކުރަން އޮތީ، އެ ފަޅުތައް ނިންމައި، މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމެވެ.
"މިހާރު 30 އަކަށް އަހަރުވީ މީހުން މާލޭގައި ގަނަތެޅޭތާ. މި ގަނަތެޅުމުގައި އަނެއްކާ ވެސް އެންމެ ދުވަހަކު ވެސް ބަހައްޓާކަށް އަޅުގަނޑުމެން ނޭދެން. އަޅުގަނޑުމެން ހަމަ ހިތްދަތިވޭ، ހަމަ ދެރަވޭ،" އާޒިމް ވިދާޅުވިއެވެ.
"ރައްޔިތުން އެ ހާލުގައި ތިބުމަކީ އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއް ނޫން. ވީހާ ވެސް އަވަހަކަށް އެ ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށްދޭން އަޅުގަނޑުމެން ހުރިހާ އެންމެން މަސައްކަތް ކުރަން ޖެހޭ. މިއީކީ ޖަދަލުކުރަން ޖެހޭ ކަމެއް ވެސް ނޫން،"
އެ ގަނަތެޅުމަށް ނިމުމެއް ގެނެވެން އޮތީ މާލޭ މީހުންނަށް ގުޅީފަޅާއި އުތުރުތިލަފަޅާއި ދެން ވެސް ހުރި ފަޅުތަކުން ނިމުނު ސަރުކާރުން ބެހި ގޯތިތައްދީ، އެ ތަންތަނުގައި މީހުންނަށް ދިރިއުޅެވޭވަރު ކޮށްދީގެންނެވެ. އެއް ތަނަކަށް ޖަމާވެ، ބަރާވެފައި އޮތް މާލެ ނިއުޅައިލެވިގެންނެވެ.
ކުންފުނިތައް ހިންގުމުގެ ތަޖުރިބާއިން އާޒިމް މޭޔަރުކަމަށް ނުކުންނަވައިގެން އެ ހުންނެވީ އެ އަޒުމުގައެވެ. މި ފަހަރު އާޒިމް ނުކުންނަވައި އެ ހުންނެވީ މާލެ ނިއުޅައިލާށެވެ.