މިދިޔަ މަހުގެ އާމްދަނީ އަންދާޒާ ކުރިވަރަށް ވުރެ 9.3 ޕަސެންޓް އިތުރު

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް-- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ މަހު މީރާއަށް 1.67 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މި އަދަދަކީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 9.3 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން މިއަދު ބުނެފިއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 10.5 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ މަހުގެ ނޮވެންބަރުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިއަހަރުގެ ނޮވެންބަރުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ޖީއެސްޓީ ރޭޓު އިތުރުވުމުގެ ސަބަބުން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދ،ި މި އަހަރު އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ މީރާއިން ބަލައިގެންފައިވުމަކީ ވެސް އާމްދަނީ އިތުރު ވުމުގެ ސަބަބެއް ކަމަށް ވެސް މީރާއިން ބުންޏެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅައިބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހު ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 3.5އަށް އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކ،ީ އެކްސްޕަޓްރިއޭޓް ކޯޓާ ފީ، ޓީޖީއެސްޓީ ޓޫރިޒަމް ލޭންޑް ރެންޓް، ކުންފުނިތަކާއި ފަރުދުންނޫން
ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައި ވުމެވެ. އަދ،ި އާމްދަނީން ނަގާ ޓެކްސް، ޓީޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ފާއިތުވެފައިވާ ސުންގަޑިތަކުގައި ނުދައްކާހުރި ފައިސާ ނޮވެންބަރު މަހުގެ ތެރޭގައި ދައްކައިފައި ވުމެވެ.

މީގެއިތުރުން، މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދު 0.8 އިންސައްތައަށް އިތުރުވުމުން މި ދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވާކަމަށް މިރާއިން ބުންޏެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ބޮޑު ބައި ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ އާމްދަނީގެ 67.16 ޕަސެންޓް ނުވަތަ 1.12 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް، އާމްދަނީން ނަގާ ޓެކުހުން ލިބިފައިވާއިރު އެއީ އާމްދަނީގެ 110.70 މިލިއަން ރުފިޔާއެވެ. އެއީ ޖުމުލަ އާމްދަނީގެ 6.60 ޕަސެންޓެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 84.35 މިލިއަން ރުފިޔާ،
އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 74.33 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 72.93 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 205.10 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 69.32 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުންޏެވެ.

comment ކޮމެންޓް