އިންޑިއާއާއި ރާއްޖެއިން ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރަން ދެ ގައުމުން މިއަދު މަޝްވަރާކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ވަޒީރު އަލީ އިހުސާންގެ އަރިހަށް، އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރާއި އެ ކޮމިޝަންގެ އިތުރު ބޭފުޅުން ވަޑައިގަތް ކަމަށެވެ. އެއީ ފަސްޓް ސެކްރެޓަރީ (ކޮމާސް) ކިރަން ޚަތުރީ އާއި ފަސްޓް ސެކްރެޓަރީ (ސިޔާސީ) ކަރަން ޔާދަވް އާއި ޑިފެންސް އެޑްވައިޒަރު ދީޕަކް ބާލީ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި ކަންތައްތަކާ ބެހޭ ގޮތުން ކަމަށް އެ ވުޒާރާގެ ޕޯސްޓުގައިވެއެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ އެ ބައްދަލުވުމުގައި ސަލާމަތީ ދާއިރާގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން ދެގައުމުގެ އެއްބާރުލުން އިތުރުކުރަން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ޚާއްޞަ އިސްކަމެއް ދިނީ ގާބިލްކަން އިތުރު ކުރުމާ ގުޅުން ހުރި މަޝްވަރާތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ސަފީރު ވަނީ މީގެ ކުރިން ވެސް އާ ސަރުކާރުގެ ބައެއް ވަޒީރުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ދިފާއީ ވަޒީރު ޣައްސާން މައުމޫނާ ބައްދަލުކުރްވައި އެ ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދިފާއީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އޮކްޓޯބަރު މަހުގެ ހަތަރު ވަނަ މުނޫ މަހާވަރު އެ މަނިކުފާނާ ބައްދަލުކުރެއްވިއެވެ. އެ ބައްދަލުވުމުގައި ވަނީ އައު ސަރުކާރާއެކު ގުޅުން އިތުރަށް ބަދަހިކުރުމުގައި މަސައްކަތްކުރާނެ ގޮތާ ގުޅޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.
ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް މީގެ ކުރިން އެދިވަޑައިގެންފައެވެ. އަދި އިންޑިއާއިން އެކަމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ވަނީ މިމަހުގެ ތިނެއްގައި ވިދާޅުވެފައެވެ.