ފަހަތުން އަރައި، ސިޓީން ލޫޓަން ބަލިކޮށްފި

ސިޓީ މޮޅުވި ލަނޑު ކާމިޔާބު ކޮށްދިން ގްރީލިޝް / ފޮޓޯ: ޔޫރޯ ސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު ފަހަތުން އަރައި ސިޓީ ކާމިޔާބުކޮށްފިއެވެ.

ލޫޓަންގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔަބު ކޮށްފައިވަނީ ދެ ލަނޑު އެއްލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިގޮތުން މިމެޗުގައި ސިޓީއިން ވަނީ މޮޅު ކުޅުމެއް ދައްކައި ފުރަތަމަ ކަށިގަނޑާއެކު ލޫޓަންގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. ނަމަވެސް ލޫޓަން ފެނުނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ލިބޭ ފުރުސަތުތަކުގައި ކުރިއަށް އަރާ ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. އަދި ލޫޓަން ކުރިއަށް ޖެހިލާ ކޮންމެ ވަގުތަކު އެޓީމްގެ ސަޕޯޓަރުންގެ އަޑު ގަދަވުމާއެކު ކޮންމެ ފަހަރުކުވެސް އެހަމަލާ ނުރައްކާވުމުގެ އިހްސާސް ސަޕޯޓަރުން ދިޔައީ އުފައްދަމުންނެވެ. އެހެން ކަމުން ސިޓީގެ ކުޅުންތެރިން އެފަދަ ވަގުތުތަކުގައި ޕްރެޝަރަށް ވެއްޓޭތަންވެސް ފެނުނެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ލޫޓަންއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މިމެޗުގައި ލޫޓަންގެ ކުރީގައި މޮޅު ކުޅުމެއް ދެއްކި އަލީޖާ އެޑެބަޔޯއެވެ. މިއާއެކު ފުރަތަމަ ހާފު ސިޓީއިން ފަހަތުގައި އޮވެގެން ނިންމާލިއިރު ދެވަނަ ހާފަށް ސިޓީއިން ނުކުތީ ފުރަތަމަ ހާފެކޭ އެއްގޮތަށް މޮޅަށް ކުޅެ، މެޗު ކާމިޔާބު ކުރުމުގެ އަޒުމާއެކުއެވެ. މިގޮތުން މެޗުގެ 62 ވަނަ މިނެޓްގައި ސިޓީއިން އެޓީމްގެ ފުރަތަމަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބެނާޑީ ސިލްވާއެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓް ފަހުން ސިޓީން ވަނީ ޖެކް ގްރީލިޝް ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ލީޑު ނަގައިފައެވެ. މިމެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ސިޓީއިން މިވަނީ ހަތަރު މެޗަށް ފަހު ފުރަތަމަ ފަހަރަށް ލީގުގައި މެޗަކުން މޮޅުވެފައެވެ. އަދި މިހާރު އުޅެނީ 16 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ލޫޓަން އުޅެނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

comment ކޮމެންޓް