ތަފާތު ސޭޓެއް، ވަޅިއަށް ނުސިހި ވަގާ ކުރިމަތިލައިފި

އައްޑޫގެ ފިހާރައެއް ތެރޭގައި މޫނު ނިވާކޮށްގެން ހުރި މީހަކު އެ ފިހާރައިގެ ސޭޓަށް ވަޅިން ހަމަލާ ދެނީ---

އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް، އާދައިގެ މަތިން ސޭޓު އިނީ ފިހާރައިގެ މަސައްކަތުގައެވެ. ކުއްލިއަކަށް އޭނާއަށް ސިހުމެއް ލިބުނީ މޫނު ނިވާކޮށްގެން ހުރި ފިރިހެނަކު ފިހާރައަށް ވަނުމުންނެވެ. އެއަށް ވުރެ ބޮޑު ސިހުމެއް އޭނާއަށް ލިބުނީ ކުއްލިއަކަށް ތޫނު ހަތިޔާރެއް ނަގާ އޭނާއާ ދިމާލަށް ދިއްކޮށްލުމުންނެވެ.

އެހެން ނަމަވެސް ސޭޓުގެ ހަރަކާތްތައް އަވަހެވެ. 'ސެލްފް ޑިފެންސް' އަށް ހަރަކާތްތެރިވީލެއްވެސް ފިސާރި އަަވަހަށެވެ. އެ ފިހާރައަށް ވަތް މޫނު ނިވާކޮށްގެން ހުރި މީހާ، ސޭޓާ ދިމާއަށް ވަޅި ދިއްކޮށްލުމާއެކު އެންމެ ފުރަތަމަ ވެސް ސޭޓް ހިފީ ވަޅި ހިފައިގެން ހުރި އަތުގައެވެ.

އެހެން ނަމަވެސް އެ މީހާ އެ ވަގުތު ސޭޓު ކޮށްޕާލުމާއެކު ސޭޓު ވެއްޓުނީ ފިހާރައިގެ ކައުންޓަރާ ދިމާ ތިރިއަށެވެ. އެ ވަގުތު ވެސް ސޭޓު ދިޔައީ ވަގު ކަލޭގެ ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ.

ސޭޓު ވެއްޓިފައި އޮތް ވަގުތު ބަލާ ވަގު ކަލޭގެ ނެގީ ކައުންޓަރުގެ މަތީގައި އޮތް ފޯނެކެވެ. ފޯނު ނެގުމަށްފަހު ސޭޓަށް ބިރު ދައްކާ، އެތަނުން ފިލައިގެން ދިއުމުގެ މަސައްކަތް އޭނާ ފެށިއެވެ.

ގައިގައި ހުރި ބާރެއްލައިފައި ކައުންޓަރުވެސް ކޮއްޕާލިއެވެ. އެ ވަގުތު ކައުންޓަރުގެ މަތީގައި ބަހައްޓާފައި ހުރި ބައެއް ސާމާނުވެސް ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ. އަދި މުޅި ފިހާރަތެރޭގެ ތަރުތީބު ގެއްލުނެވެ.

އޭނާ ކައުންޓަރުމަތީގައި އޮތް ފޯނު ވަގަށް ނެގުމަށް ފަހު، ފިހާރައިން ނުކުންނަން ދިޔަ ތަންވަޅު ބަލާ ސޭޓުވެސް އޭނާގެ ކިބައިން ސަލާމަތްވެ ތެދުވިއެވެ.

ދެންވެސް ހައިރާން ކުރުވީ ސޭޓުގެ ހިތްވަރެވެ. ބިރުވެރިކަމެއް ނެތި އެ މިހާއާ ކުރިމަތިލީ ގޮތެވެ. ގިނަ ފަހަރު މިކަހަލަ ހާލަތްތަކުގައި އަމިއްލަ ސަލާމަތަށް ބަލާފައި އެ މީހަކު ދޫކޮށްލާނީއެވެ. އެހެން ނަމަވެސް ސޭޓު ދެއްކީ ތަފާތު ހިތްވަރެކެވެ. ވަގު ކަލޭގެ ދާން އުޅެން ފެށުމުން އޭނާގެ ގައިގައި ހިފެހެއްޓިއެވެ.

އެ ވަގުތު އެ މީހާވެސް ސޭޓު ކޮށްޕާލުމަށްފަހު އަނެއްކާވެސް އެތަނުން ނުކުތުމުގެ މަސައްކަތް ފެށިއެވެ. އެ ވަގުތު ދޮރާ ހުރަސްވެފައިހުރި ކައުންޓަރު އަނެއްކާވެސް ކޮއްޕާލުމަށްފަހު އޭނާ މިސްރާބު ޖެހީ އެ ދޮރުން ނުކުތުމަށެވެ.

އެ ވަގުތުވެސް ސޭޓު ތެދުވެ އޭނާއަށް ފިލައިގެން ނުދެވޭނެ ހެން އަނެއްކާވެސް އޭނާގެ ގައިގައި ބެއްދިއެވެ. އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރަށްވެސް ނުސިހިއެވެ. އެ ވަގުތު އަނެއްކާވެސް އޭނާގެ އަތުގައި އޮތް ވަޅި އޭނާ ދިއްކޮށްލީ ސޭޓާ ދިމާއަށެވެ. ފިހާރަތެރެއިން އޭނާ ދޫވުމާއެކު މަގުމައްޗަށްވެސް ސޭޓު ނުކުތެވެ.

މިއީ އައްޑޫ ސިޓީގައި އިއްޔެ ހިނގި ހާދިސާއެއްގެ ވާހަކައެވެ. ވައްކަން ކުރަން އެ ފިހާރައަށް ވަތް އެ މީހާ ދިޔައީ ވަޅިން ސޭޓަށް ހަމަލާދީ ޒަހަމް ކޮށްލައިފައެވެ.

ފުލުހުން ބުނީ ޒަހަމުވި ސޭޓަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައިގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް