ޣައްޒާގެ ސިއްޙީ ނިޒާމު އޮތީ ސުންނާފަތިވެފައި: ޑަބްލިއުއެޗްއޯ

ޑަބްލިޔު އެޗް އޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް -- ފޮޓޯ/ދަ ޓެލްގްރާފް

ޔަހޫދީ އިސްރާއީލާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ފަލަސްޠީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމް އޮތީ ސުންނާފަތިވެފައި ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން އެގޮތަށް ބުނެފައިވަނީ ޣައްޒާގެ ސިއްޙީ ނިޒާމަށް ދިމާވެފައިވާ މައްސަލައިގައި އާދީއްތަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.

ޖުމުލަ 34 މެންބަރުން ހިމެނޭ ބޯޑުން ބުނި ގޮތުގައި ޣައްޒާގައި ސިއްޙީ ބޭނުންތައް ވަރަށް ބޮޑަށް އިތުރުވެ، ސިއްޙީ ނިޒާމުގެ ޤާބިލުކަން ކުރިން ހުރި މިންވަރުގެ ތިންބައިކުޅަ އެއްބަޔަށް ވަނީ ދަށްވެފައެވެ.

ޑޮކްޓަރުންނާއި ބޭސް ފަރުވާއަށް ބޭނުންވާ އިތުރު ސާމާނު ޣައްޒާއަށް ވެއްދުމާބެހޭ ގޮތުން އަފްޣާނިސްތާނާއި މޮރޮކޯ، ޤަޠަރު އަދި ޔަމަނުން ހުށަހަޅާފައިވާ ހުށަހެޅުމެއް ބޯޑުން މިހާރު އަންނަނީ މުރާޖަޢާ ކުރަމުންނެވެ. ހޮސްޕިޓަލްތައް އަލުން ބިނާކުރުމަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް އެދި ޑަބްލިއުއެޗްއޯގައި އެ ޤައުމުތަކުން ވަނީ އެދިފައެވެ.

ނަމަވެސް ޔަހޫދީން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކާއި އެ ނޫން ވެސް ހަނގުރާމައާ ހެދި އޮތް ހުރަސްތަކުގެ ސަބަބުން އެ ހުށަހައެޅުންތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ނާދިރު ކަމެއް ކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދްނޮމް ވިދާޅުވިއެވެ.

ޣައްޒާގައި ޔަހޫދިން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ނިމުމަކަށް ގެނެސް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އދގެ ސަލަމާތީ މަޖިލީހުން ހުށަހެޅި ޤަރާރަށް އެމެރިކާއިން ހުރަސް އެޅުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ޓެޑްރޮސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯ ބޯޑުގެ ކުއްލި ބައްދަލުވުންތަކަކީ ވަރަށް މަދުން ބާއްވާ ބައްދަލުވުންތަކެކެވެ. އެގޮތުން ކުއްލި ބައްދަލުވުން ބާއްވާފައިވާ ބައެއް ޙާލަތްތަކުގެ ތެރޭގައި 2020 ވަނަ އަހަރު ކުރިމަތިވި ކޯވިޑު ބަލިމަޑުކަމުގެ ތެރޭގައި ބޭއްވި ބައްދަލުވުމާއި، 2015 ވަނަ އަހަރު ހުޅަނގު އެފްރިކާގައި ފެތުރުނު އެބޯލާ ބަލިމަޑުކަމުގެ ދުވަސްވަރު ބޭއްވި ކުއްލި ބައްދަލުވުން ހިމެނެއެވެ.

comment ކޮމެންޓް