އަމިއްލަ ފަރާތްތަކާ އެ ނޫނަސް ވިޔަފާރިތައް އިޝްތިހާރު ކުރުމުގެ ބޭނުމުގައި ބޭއްވޭ ހަފުލާތަކުގައި ބައިވެރިވެގެން ބައެއް ފިލްމީ ތަރިން ބޮޑު އާމްދަނީއެއް ހޯދާކަމަށް ބަތަލާ ބޫމީ ޕެޑްނެކާރު ބުނެފިއެވެ.
އެގޮތުން ބައެއް ފިލްމީ ތަރިންނަށް އެއް ލައްކަ ރުޕީސްއަށް ވުރެ ބޮޑު ޢަދަދެއް އެންމެ އިވެންޓަކުން ލިބޭކަމަށް ބޫމީ ވަނީ ބުނެފައެވެ.
ފިލްމު "ދަމް ލަގާކޭ ހައިޝާ"އިން ބޮލީވުޑަށް ތަޢާރަފުވި ބަތަލާއަކީ ވެސް އެގޮތަށް ޙަފުލާތަކުގައި ބައިވެރިވާ ފަރާތެއް ކަމަށާއި ފިލްމީ ކެރިއަރު ފެށިއިރު އެފަދަ ހަފުލާތަކަށް ދަނީ ވެސް ކާރުތައް ކުއްޔަށް ނަގައިގެން ކަމަށާއި ހަފުލާތަކުން ލިބޭ އާމްދަނީއިން ކާރު ކުއްލި ދައްކާކަމަށް ބޫމީ ވަނީ ބުނެފައެވެ.
އެކްޓަރު އަޔުޝްމާނު ކުރާނާއާ އެކު ބޮލީވުޑަށް ނުކުތް ބަތަލާގެ ފުރަތަމަ ފިލްމަށް ފަހު އެ އަހަރުގެ ގިނަ އެވޯޑް ހަފުލާތަކުގައި ބޫމީ ވިދާލިއެވެ. ފިލްމު "ދަމް ލަގާކޭ ހައިޝާ"ގައި ބޫމީ ހުށަހަޅައިދިން މޮޅު އެކްޓިންއާ އެކު ބަތަލާއަށް ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި ފުރަތަމަ ފިލްމަށް ފަހު އެކަނި ވެސް 15 ހަފުލާއަށް ދަޢުވަތު ލިބުނުކަމަށް ބޫމީ ވަނީ ބުނެފައެވެ.

ބަތަލާ ބޫމީ --
ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް ތަރިންނަކީ އަހަރެއްގެ މައްޗަށް މަދު ފިލްމުތަކުން ފުރުސަތު ލިބުނަސް ހަމައެކަނި އެކި ބްރޭންޑުތަކުގެ އިޝްތިހާރުތައް ކުޅެގެން ވެސް ބޮޑު އާމްދަނީއެއް ހޯދާ ތަރިންނެވެ. އެގޮތުން ކާމިޔާބު ބަތަލާއިން ކަމަށްވާ ދިޕިކާ ޕަދުކޯން އަދި އާލިއާ ބަޓް އަދި އައިޝްވަރިޔާ ރާއީއަކީ ބައިނަލްއަޤުވާމީ ބްރޭންޑްތައް ރަމްޒުކޮށްދޭ އެ ބްރޭންޑްތަކުގެ އެމްބެސެޑަރުންނެވެ.
ދާދި ފަހުން ބަތަލާ ބުމީ ވަނީ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް މެކްގެ ބްރޭންޑް އެމްބެސެޑަރުކަމަށް ހޮވިފައެވެ. އަދި، ބަތަލާ ބޫމީއަކީ އިންޑިއާގެ ކޮސްމެޓިކް ނީކާ ބްރޭންޑްގެ ވެސް އެމްބެސެޑަރަކުން ކުރަމުން އަންނަ ތަރިއެކެވެ.
ފިލްމު "ތެންކް ޔޫ ފޯ ކަމިންގް" އަދި "ދަ ލޭޑީ ކިލާ"އިން އެންމެ ފަހުން ފެނުނު ބަތަލާ އަންނަނީ ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. މި ދެ ފިލްމު ވެސް ރިލީޒްކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުއެވެ.