ސަރުކާރުގެ ހަފުތާ 14 ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގައި މާކެޓް ކުރުމަކީ މިހާތަނަށް މާބޮޑު ސަމާލުކަމެއް ދީގެން ކުރެވުނު ކަމެއް ނޫންކަމަށެވެ.
ނަމަވެސް ދިވެހި މަސް ގަންނާނެ އާ ބާޒާރުތައް ހޯދަން ޖެހޭކަމަށާއި އެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަމަށް ޓަކައި ހަފުތާ 14 ޕްރޮގްރާމްގައި ހިމަނައިގެން ރާއްޖޭގެ މަސްވެރިކަން މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. މިއެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް އެބްރޭންޑް ބޭރު ގައުމުތަކުގައި އިޝްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ، ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެން ދާނެ ފުރުސަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެއިން ދިވެހި ކަނޑުމަސް ބޭރުކުރެވޭ އެއް ގޮތަކީ ގަނޑުކޮށްގެން ރޯމަހުގެ ގޮތުގައި ބޭރުކުރުން ކަމަށެވެ. ނަމަވެސް މި ގޮތަށް މަސް ބޭރުކުރުމުން ލިބޭ އަގަށް ވުރެ މަތީ އަގު ލިބޭ ގޮތްތައް ހުންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެގޮތުން، އެ މަސް ބާނަނީ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަން އެނގޭނޭހެން އެ މަސް ބޭރުކުރުމާއި ދިވެހީން ޒަމާނުއްސުރެ މަސްބާނައި އުޅޭ ސަގާފީ ގޮތް އެނގޭނޭހެން ދިވެހިރާއްޖޭގެ ނަމުގައި އެ މަސް ބޭރުކުރުމުން އެ މަހުން ލިބޭ ނަފާ އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ގޮތް އިޚްތިޔާރުކޮށްފިން. އޭރުން ރާއްޖެއަށް ރީތި ނަން ލިބޭނެ. ދިވެހި މަސްވެރީންނަށް ބޭރު ގައުމުތަކުގެ ތައުރީފު ލިބޭނެ. އަދި ލިބޭ އާމްދަނީ އިތުރުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދިިވެހި ކަޅުބިލަ މަހުގެ 65 ޕަސަންޓު ބޭރު ކުރެވެނީ ގަނޑުކުރި މަހުގެ ގޮތުގައި ކަމަށެވެ. މި ގޮތަށް ކަންތައް އޮތުމުން ތިމާވެއްޓާ ރަޙްމަތްތެރިކޮށް ދިވެހި މަސްވެރީން ބާނާ މަހުގެ ބޮޑު ފައިދާއެއް ނާޖާއިޒު ގޮތުގައި ނަގަނީ މަސް ޕްރޮސެސްކުރާ ބޭރުގެ ކުންފުނިތަކުން ކަމަށާއި އެކަން ބަދަލުކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ އެ ފައިދާ ޖާއިޒު ގޮތުގައި ދިވެހި މަސްވެރީންނަށް ލިބޭނެ ގޮތަކަށް މި ނިޒާމު ބަދަލުކުރަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު ކުރާނަން. އެ ކަމަށް ޓަކައި ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މިދާއިރާއިން އިންވެސްޓްކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައި ދެވޭނެ،" ރައީސް ވިދާޅުވިއެވެ.