ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވުމުގެ ތެރޭގައި މީހަކަށް އަނިޔާވެ، ހޮސްޕިޓަލަށް

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް --- ފޮޓޯ/ ޑޮކްޓާ އެމްވީ

އައްޑޫ ސިޓީގެ ފިހާރައަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވުމުގެ ތެރޭގައި އެ ފިހާރާގައިއިން ސޭޓަށް އަނިޔާވެއްޖެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، މިއަދު 15:10 ހާއިރު އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށް ވައްކަން ކުރަން މީހަކު ވަދެގެން އުޅޭކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ ހާދިސާގައި އަނިޔާވި ސޭޓަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫގައި އެ ހާދިސާ ހިނގާފައި ވަނީ، އެ ސިޓީގެ ގުޅިފައިވާ ރަށްތަކާއި މާލޭގައި މާރާމާރީތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ މި ދެ ސަރަހައްދުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، ޚާއްޞަ އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.

comment ކޮމެންޓް