މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި އޮތް މަސްވެރިންގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަން ޒަމާނީކޮށް މަސްވެރިކަން ތިޔާގި ކުރުމަކީ ވަރަށް ބޭނުންފުޅުވާ ކަމެއްކަމަށެވެ.
އެކަމަށްޓަކައި މަސްވެރިން ޢިލްމުވެރިކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަސްވެރީންގެ ތަޖުރިބާއާއި ޒުވާން މަސްވެރީންނަށް ހުނަރު ފޯރުކޮށްދިނުމާއި ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި އޮތް ފަންނިއްޔާތު ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލްކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން މިކަންކަމަށް މަސްވެރީން ތަމްރީނުކުރުމަށްޓަކާ ފިޝަރީޒް ޓްރެއިންނިން އިންސްޓިޓިއުޓެއް ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމުކުރެވޭނެ. މި ކަމުގެ އިދާރީ މަސައްކަތްތައް އަޅުގަނޑުމެންގެ ހަފުތާ ސާދައިގެ މި މުއްދަތުގެ ތެރޭގައި ހިނގަމުން އެބަ ދޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކާބޯތަކެތީގެ އުފެއްދުންތެރިކަމުގެ ދާއިރާތަކުގެ ތެރެއިން އެކުއަކަލްޗާ ނުވަތަ ކަނޑުގޮވާންކުރުމުގެ ދާއިރާއަކީ އެންމެ ފުޅާކޮށް ކުރިއަރަމުން އަންނަ އެއް ދާއިރާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި، ކަނޑުތަކުގައި ދިރުންތައް މުޑުވައްކުރުން ތައާރަފުކުރުމަކީ ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަދި އަލިމަގެއް ނުފެންނަ ދާއިރާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ހަފުތާ 14ގެ ވައުދުތަކުގެ ތެރެއިން، އެކުއަކަލްޗާ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ގާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކައި، މެރީން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް ވެސް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މަސްވެރިންގެ އަގުވަޒަން ކުރާނެ ކަމަށެވެ. އަދި ވަކި ވައްތަރެއްގެ މަސްވެރިކަން ކުރާ ބަޔަކު ބާކީ ނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.