ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުމުގެ ސިޔާސަތެއް އެކުލަވާލަނީ

މަސްވެރިންގެ ދުވަހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޑައިވިން ފުޅި އަޅައިގެން އެން ހޯދަން ފީނާއިރު ދިމާވާ ނުރައްކާތެރި ހާދިސާތައް ކުޑަ ކުރުމަށް ޓަކައި ކޮންމެ މަސް ދޯންޏެއްގައި ރެސްކިއު ޑައިވިން ސެޓްފިކެޓް އޮންނަ މީހަކު ހުރުން ލާޒިމްކުރާ ސިޔާސަތެއް ކަނޑައެޅުމުގެ ވިސްނުންފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ޑައިވިން ފުޅި އަޅައިގެން އެން ހޯދުން އާންމުވެފައި ވާއިރު ޑީކޮމްޕްރެޝަން ޑައިވް ކުރެވިގެން ހާދިސާތައް ހިނގުން މިހާރު އިތުރު ވެފައި ވާކަމަށެވެ. މިކަމުގެ ސަބަބަކީ ހޭލުންތެރިކަން ކުޑަވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނުވަތަ ޑައިވިންގެ ހަމަތައް އެނގި ތިބެމެ އެކަންކަމަށް ފަރުވާ ކުޑަކުރުމަކީ ވެސް މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މި ލިބޭ އަނިޔާ ނުވަތަ މި ލިބޭ ގެއްލުން ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ވިސްނުންފުޅެއް އެބައޮތް ދިވެހި ރާއްޖޭގެ މަސްވެރި މި ފްލީޓުގައި ކޮންމެ ދޯންޏެއްގައި މަދުވެގެން ރެސްކިއު ޑައިވިން ސެޓްފިކެޓް އޮތް އެއް ފަޅުވެރިއަކު ހުރުން ލާޒިމްކުރާ ސިޔާސަތެއް (އެކުލަވާލަން)،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރެސްކިއު ޑައިވިން ސެޓްފިކެޓާ ހަމައަށް ދެވޭނީ އޯޕެން ވޯޓާ، އެޑްވާންސްޑް، އަދި މެޑިކް ޑައިވިންފަދަ އެހެނިހެން ގިނަ ސެޓްފިކެޓްތަކަށް ފަހުކަމަށެވެ. އެހެންކަމުން ރެސްކިއު ޑައިވަރެއް ކޮންމެ ދޯންޏެއްގައި ބެހެއްޓިއްޖެކަމުގައި ވާނަމަ އެމެޖެންސީ ހާލަތްތަކުގައި އެކަމަށް އެޓެންޑް ކުރެވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަދި އެނގިވަޑައިގަންނަވާނެ ރެސްކިއު ޑައިވަރަކީ އޮކްސިޖަން އެޑްމިނިސްޓާ ކުރަން އެނގޭނެ ސެޓްފިކެޓް އޮތް ޑައިވަރަކަށް ވާނެ. އަޅުގަނޑަށް އެބަ ފެނޭ ދިވެހި ރާއްޖޭގެ މަސްދޯނި ފަހަރުގައި މުސްތަގުބަލުގައި އޮކްސިޖަން ސިލިންޑާ ވެސް ހުންނަތައް،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަމަށް އެއީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އިއްޔެ ވަނީ މީރުމާ ހޯލުގައި "މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ފޯރަމެއް ބާއްވާފައެވެ.

އެ ފޯރަމުގައި މިކަންކަން މަޝްވަރާ ކުރެވުނުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޑީކޯވުމުގެ މައްސަލަތައް ރާއްޖޭގައި ދޭތެރެއަކުން ދިމާވެއެވެ.

އެ މައްސަލަ ދިމާވަނީ ފީނަން ޖެހޭ މިންވަރަށްވުރެ އަޑިއަށް ފީނައިގެން އިންސާނާގެ ހަށިގަނޑަށް ލިބޭ އެކި ކަހަލަ ގެއްލުންތަކުގެ ސަބަބުންނެވެ. ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވި ކުރަން ހުއްދަ އޮންނަނީ އެންމެ ފުން ވެގެން 30 މީޓަރަށެވެ.

ނަމަވެސް މަސްވެރިން މިހާރު އެން ނަގަން 40 މީޓަރަށް ނުވަތަ ބައެއް ފަހަރު 50 މީޓަރަށްވެސް ފީނަން ޖެހެއެވެ. އެހާ އަޑިއަށް މަސްވެރިން ދަނީ 30 މީޓަރަށް ދާން ޚާއްސަކޮށްފައި ހުންނަ ފުޅިތަކުންނެވެ.

ޑީކޯގެ މައްސަލަތައް ކުރިމަތިވެގެން އެކަމަށް ފަރުވާދެނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި އާއި އޭޑީކޯ ހޮސްޕިޓަލުގައެވެ.

comment ކޮމެންޓް