އެޗްއާރުސީއެމްގެ ހުށަހެޅުންތައް ތަންފީޒުކުރެވޭ ވަރު ދެނެގަތުމަށް ޕޯޓަލްއެއް

އެންޕީއެމް އިން ޕޯޓަލް އިފްތިތާހު ކުރުން -- ފޮޓޯ/ އިންފިނިޓް މޮމެންޓްސް - މުހައްމަދު މާވީ

އެޗްއާރުސީއެމްއިން ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ ހުށަހެޅުންތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ޓަކައި ޕޯޓަލްއެއް އިފްތިތާހު ކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާހުކޮށްފައި ވަނީ، އެޗްއާރުސީއެމް ގާއިމްކުރިތާ 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. ހަފުލާ ޝަރަފުވެރި ކޮށްދެއްވީ، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ.

އެޗްއާރުސީއެމުން ބުނީ އެ ޕޯޓަލް އެކުލަވާލުމުގެ މަގުސަދަކީ، ހުށަހެޅުންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ މުއައްސަސާތަކުން އެ ކޮމިޝަނާ ހިއްސާކުރަމުން ގެންދިއުމަށް ފަސޭހާ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

އެ ޕޯޓަލް ބޭނުންކުރަން ފެށުމުން، ހުށަހެޅުން ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ފަސޭހަ ވާނެ ކަމަށާއި މިކަމާ ގުޅޭ ތަފާތު އެކި ބާވަތުގެ ތަފާސްހިސާބާއި މައުލޫމާތު ހޯދުމަށް މަގުފަހި ވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ހަފުލާގައި ބައިނަލްއަގުވާމީ އިންސާނީ ޙައްގުތަކުގެ ދުވަހުގެ ޚާއްޞަ ވީޑިއޯއެއް ދައްކާފައިވެއެވެ. އެ ވީޑިއޯގައި އިންސާނީ ހައްގުތަކާ ބެހޭގޮތުން ޢާންމުން ދެކޭގޮތާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމުގައި، ކޮމިޝަނުގެ މުހިންމު ދައުރަށް އަލިއަޅުވާލާފައި ވެއެވެ.

މި ހަފުލާ ނިންމާލީ، އިންސާނީ ހައްގުތަކުގެ އާންމު ގަރާރު (ޔުނިވާސަލް ޑެކްލަރޭޝަން އޮން ހިއުމަން ރައިޓްސް)އަށް 75 އަހަރު ފުރުމާއި އެޗްއާރުސީއެމްއަށް 20 އަހަރު ފުރުމާ ގުޅިގެން އެ ކޮމިޝަނާއި ޔޫއެން މޯލްޑިވްސްއާ ގުޅިގެން އެސްއެމްއީ ހަބްގައި ކުރިއަށް ގެންދާ ފޮޓޯ މައުރަޒު ބަލާލުމަށްފަހުއެވެ.

"ލެންސް އޮން ހިއުމަނިޓީސް ޖާނީ"ގެ ނަމުގައި ކުރިއަށް ގެންދާ އެ މައުރަޒު އާއްމުންނަށް ހުޅުވާލައިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

comment ކޮމެންޓް