އެޗްއާރުސީއެމްގެ 20ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޮޓޯ މައުރަޒެއް

އެޗްއާރުސީއެމްގެ 20ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޮޓޯ މައުޒު ހުޅުވުން -- ފޮޓޯ/ އިންފިނިޓް މޮމެންޓްސް - މުހައްމަދު މާވީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގާއިމްކުރިތާ 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން "ލެންސް އޮން ހިއުމަނިޓީސް ޖާނީ"ގެ ނަމުގައި ފޮޓޯ މައުރަޒެއް އެސްއެމްއީ ހަބުގައި މިއަދު ހުޅުވައިފިއެވެ.

މި މައުރަޒު ހުޅުވުމަށް ޓަކައި މިއަދު ހަވީރު ވަނީ ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާ ޝަރަފްވެރިކޮށް ދެއްވާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ.

މި މައުރަޒަށް ޚާއްޞަކޮށްފައިވާ ތީމްއަކީ 'ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް'އެވެ. މި ފޮޓޯ މައުރަޒް އާންމުންނަށް ހުޅުވާލައި، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މައުރަޒު އިފުތިތާހުކުރުމުގެ ހަފުލާ ރަސްމީކޮށް ފަށާފައިވަނީ މި އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޙާއްޞަ ވީޑިއޯއަކުންނެވެ. މި ވީޑިއޯގައި އިންސާނީ ހައްގުތަކާ ބެހޭގޮތުން އާންމުން ދެކޭގޮތާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމުގައި، ކޮމިޝަނުގެ މުހިންމު ދައުރަށް އަލިއަޅުވާލާފައި ވެއެވެ.

މި ހަފުލާގައި އެޗްއާރްސީއެމްގެ ފަރާތުން ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށް އަމާޒުކޮށް ދެ އެވޯޑެއް ފުރަތަމަ ފަހަރަށް ދީފައިވެއެވެ. އެ ދެ އެވޯޑަކީ 'ބެސްޓް ހިއުމަން ރައިޓްސް ކްލަބް'ގެ އެވޯޑާއި 'ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް' ގެ އެވޯޑެވެ.

މި އެވޯޑްތަކަކީ އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކްލަބްތަކުންނާއި ކްލަބްގެ ދަރިވަރުންކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިފަދަ ހަރަކާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ތައާރަފުކުރި އެވޯޑެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުންޏެވެ. އެގޮތުން، ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް ލިބިފައިވަނީ ރެހެންދި ސްކޫލްގެ ދަރިވަރެއް ކަމުގައިވާ ފާތިމަތު އާލާ އަބްދުالله ސާލިހަށެވެ. އަދި މޯސްޓް އެކްޓިވް ހިއުމަން ރައިޓްސް ކްލަބްގެ އެވޯޑް ލިބިފައިވަނީ އައްޑޫ ހައި ސްކޫލަށެވެ.

ހިއުމަން ރައިޓްސް ކްލަބަކީ ސްކޫލްތަކުގެ ދަރިވަރުން އިންސާނީ ހައްގަށް އަހުލުވެރިކުރުވައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ އަމަލީ މަސައްކަތުގައި އުޅުމަށް ބާރުއަޅުވައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ ސަގާފަތެއް މުޖުތަމަޢުގައި އުފެއްދުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލުތަކުގައި ތައާރަފު ކޮށްފައިވާ ކްލަބުތަކެކެވެ.

comment ކޮމެންޓް