ފުވައްމުލަކުގައި ސައިކަލުން ވެއްޓި އަނިޔާވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާގެ ހާލު ދެރަވެ, އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުވައްމުލަކު ކައުންސިލަރު މުހައްމަދު ފިކުރީ ''ސަން''އަށް މައުލޫމާތު ދެއްވިގޮތުގައި، އެ ކުއްޖާގެ ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވަނީ އިއްޔެއެވެ. އެގޮތުން މިހާރު އެކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް މިހާތަނަށް ލިބިފައިނުވެއެވެ.

ފުލުހުން އިއްޔެ ބުނީ އެ އެކްސިޑެންޓްގައި ހާލު ސީރިއަސް ވެފައިވަނީ، 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ފުލުހުން ބުނީ، ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖަކު ފެނިފައިވަނީ ހުކުރު ދުވަހުގެ ދަންވަރު 3:40ހާއިރު ޕެޓްރޯލް ކުރަން ނުކުމެ އުޅުނު ފުލުހުންނަށް ކަމަށެވެ. އެ ކުއްޖާ ފެނިފައިވަނީ އެރަށުގެ މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް