ދައުޙާ (10 ޑިސެންބަރު 2023): އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އާންމުންގެ ގެދޮރަށް ހަމަލާދީ ހާހުން އާންމުން މަރަމުން ގެންދިޔަ ނަމަވެސް އިސްރާއީލު ސިފައިންނަށް ހަމާސްގެ މުޖާހިދުންގެ އަތްދަށުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި މި ގެއްލުންތައް މާ ގިނަ ދުވަހު އިސްރާއީލަށް ތަހައްމަލު ނުކުރެވޭނެ ކަމަށް އަސްކަރީ އަދި ޖިއޮޕޮލިޓިކަލް ތަޖުރިބާކާރުން ބުނެފިއެވެ.
އިސްރާއީލުގެ ކަންތައްތަކާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މުހައްމަދު މުސްތަފާ އަލްޖަޒީރާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހަތެއް އޮކްޓޯބަރުގައި ހަމާސްއާއި އިސްރާއީލާ ދެމެދު ހަނގުރާމަ ފެށުނު ފަހުން އިސްރާއީލު ސިފައިންގެ 420 މީހުން މަރުވެ 7900 މީހުން ޒަޚަމްވެފައިވާކަމަށް އިސްރާއީލުގެ މިޑީއާއިން ރަސްމީ ސިފައެއްގައި އެއްބަސްވެފައިވާ ކަމަށާއި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އިސްރާއީލު ސިފައިންގެ ފަސް މީހުން މަރުވެ، 25 މީހުން ޒަޚަމްވާއިރު މިއީ އިސްރާއީލުގެ މުޖުތަމައަށް ތަހައްމަލުކުރެވޭނެ މިންވަރެއް ނޫނެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔަދިއޯތު އަހްރަނޯތު" ބުނާގޮތުން ޒަޚަމްވެފައިވާ އިސްރާއީލު ސިފައިންގެ 7900 މީހުންގެ ތެރެއިން 2500 މީހުން ވަނީ ދާއިމީގޮތަށް ނުކުޅެދޭ ހާލަތަށް ގޮސްފައެވެ. މީގެ ތެރޭގައި އަތްފައި ބުރިވެފައިވާ މީހުންނާއި އެކި އަނިޔާތަކާ ގުޅިގެން ލޮލުގެ ފެނުން ގެއްލިފައިވާ މީހުން ވެސް ހިމެނެއެވެ.
ޑރ. މުސްތަފާ ވިދާޅުވި ގޮތުގައި އިސްރާއީލު ސިފައިން ހަމާސްއާ ކުރިމަތިލައިގެން ބަލިވަމުންދާ ކަމަށް އިސްރާއީލުގެ އާންމުންނަށް ގަބޫލުކުރެވެނީ ހަމާސްގެ އަތްދަށުން އެންމެ އަސީރަކު ވެސް ބާރުގެ ބޭނުން ކޮށްގެން މިނިވަންކުރުމުގައި އިސްރާއީލު ސިފައިން ނާކާމިޔާބުވެފައިވާތީއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން އިސްރާއީލުގައި އެހެން ބަޕްލިކް އޮޕީނިއަންއެއް އުފެދުމަށް ދަނީ މަގުފަހިވަމުންނެވެ. އެއީ، ހަމާސްއާ އެކު އެއްބަސްވުމަކަށް ގޮސްގެން އިސްރާއީލުގެ އަސީރު މިނިވަންކުރުމުގެ ވިސްނުމެވެ.
އިސްރާއީލާއި އެމެރިކާ ދެކޭގޮތުގައި ހަމާސްއާ އެކު އެއްބަސްވުމަކަށް ދާންޖެހުމަކީ އިސްރާއީލު ސްޓްރެޓީޖިކް ގޮތުން ބަލިވުމެވެ. އެހެންކަމުން ފަލަސްތީނުގެ އާންމުން އެތައް ހާހަކުން މަރައިގެން ވެސް އަދި ހަމާސްގެ ރައްދު ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވިޔަސް މިފަދަ އެއްބަސްވުމަކަށް ދާން އެމެރިކާއާއި އިސްރާއީލު ބޭނުމެއް ނުވެއެވެ.
ނަމަވެސް އަސީރުން މިނިވަންނުކުރެވި ހަމާސްގެ އަތްދަށުން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރުވަމުންދާދިޔުން ދިގުލައިގެންދާނަމަ އެކަން އިސްރާއީލުގެ އާންމުން ބަލައިނުގަންނާނެ ކަމަށާއި ހަމާސްއާ އެކު އެއްބަސްވުމަކަށް ދިޔުމަށް އިސްރާއީލުގެ އެތެރެއިން އިސްރާއީލުގެ ސަރުކާރަށް ބޮޑެތި ފިއްތުންތައް ކުރިމަތިވުމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލްޖަޒީރާގެ އަސްކަރީ މުހައްލިލެއް ކަމަށްވާ ރިޓަޔަޑް ޖެނެރަލް ފާއިޒުއް ދުވައިރީ ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާގައި ހަމާސްއާ އެއްގަމުން ކުރިމަތިލައިގެން އަސްކަރީ އެއްވެސް ލަނޑު ދަނޑިއެއް ހާސިލް ކުރުމަކީ އިސްރާއީލު ސިފައިންނަށް ގާތްގަނޑަކަށް މުސްތަހީލްކަމެއްކަން ފާއިތުވި ދެ މަސްތެރޭގައި ކުރި ހަނގުރާމައިން ވަނީ ސާބިތުވެފައެވެ.
ކިތަންމެ ގަދައަށް ވައިގެ މަގުން ހަމަލާތައްދިނަސް ބިން ގަރާސްތަކުގައި ތިބި ހަމާސްގެ މުޖާހިދުން ބަލިކުރުމަކީ ޔަހޫދީ ސިފައިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ހަމާސްގެ އަތްދަށުގައިވާ އިސްރާއީލު ސިފައިންގެ އެކަކު ހުރިތަން އިސްރާއީލަށް އެނގިގެން އެ މީހާ މިނިވަން ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އިސްރާއީލު ސިފައިން ހިންގި އޮޕަރޭޝަންގައި ވެސް އިސްރާއީލު ސިފައިން ވަނީ ބޮޑު ބައްޔަކުން ބަލިވެފައެވެ.
މި އޮޕަރޭޝަންއާ ދެކޮޅަށް ހަމާސްއިން ދިން ވަރުގަދަ ރައްދު ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ފަސް ވަރަކަށް މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާއިރު ހަމާސްގެ އަތްދަށުން މިނިވަންކުރަން އިސްރާއީލުން މަސައްކަތްކުރި ޔަހޫދީ ސިފައިންގެ މީހާ ވެސް ވަނީ އެ އޮަޕރޭޝަންގައި މަރުވެފައެވެ. މިއާ އެކު އިސްރާއީލުގެ އަސްކަރިއްޔާ ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ފާއިޒުއް ދުވައިރީ ވިދާޅުވިއެވެ.
އެމެރިކާގެ އަސްކަރީ މުހައްލިލެއް ކަމަށްވާ ސްކޮޓް ރިޓާ ވިދާޅުވެފައިވާ ގޮތުގައި އިސްރާއިލު ސިފައިންގެ އެންމެ މޮޅެތި ކޮމާންޑަރުންގެ ތެރެއިން ގިނަބަޔަކު ވަނީ ހަމާސްގެ ރައްދު ހަމަލާތަކުގައި މިހާރު މަރުވެފައެވެ.
އަނެއްކޮޅުން އިސްރާއީލުގެ ރިޒާވް ފޯސްގައި ހިމެނޭ ސިފައިންނަކީ ހަމާސްއާ ކުރިމަތިލެވޭ ވަރަށްވުރެ އަސްކަރީ ތަމުރީނުގެ ގޮތުންނާއި ހަނގުރާމައިގެ ތަޖުރިބާގެ ގޮތުން ވަރަށް ބަލިކަށި ބައެކެވެ. އެހެންކަމުން އެ މީހުންނަށް ގެރިއްލާ ހަނގުރާމަ ފަދަ ސިޓީތަކުގެ އިމާރާތްތަކުގެ ތެރޭގައާއި އަދި ބިންގަރާސްތަކުގައި ކުރާ ހަނގުރާމަތައް ކުރަން ވަރަށް ދަތިވާނެއެވެ.
މި ތިން ތަޖުރިބާކާރުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ލަސްތަކެއްނުވެ އިސްރާއީލަށް ޖެހޭނީ ހަމާސްއާ އެކު ވާހަކަ ދައްކާށެވެ. އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް ވެސް ހަމާސްއާ އެކު ދާށެވެ.
ހަނގުރާމައިގާ ގިނަ އަދަދަކަށް މީހުން މަރުވުމުން ފަލަސްތީނުގެ މުޖްތަމައަށް ކެތްކުރެވުނަސް އިސްރާއީލުގެ މުޖްތަމައަށް މިކަން ތަހައްމަލު ނުކުރެވޭނެކަމަށް މި ތިން ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. އޭގެ ތެރެއިން އެއް ސަބަބަކީ އިސްރާއީލުގައި އާބާދީ އިތުރުވާ ރޭޓް ސުމަކަށް ވުރެ ވެސް ދަށުގައި (މައިނަސްގައި) ވާތީއެވެ. އިސްރާއީލާ ޚިލާފަށް ފަލަސްތީނަކީ އާބާދީ އިތުރުވާރޭޓް މުޅި ދުނިޔޭގައި ވެސް އެންމެ މަތި އެއްގައުމެވެ.