ލެއިޕްޒިގް އަތުން ފަހު ވަގުތު ޑޯޓްމަންޑު ބަލިވެއްޖެ

ޔޫސުފް ޕޯލްސަން ލެއިޕްޒިގްގެ ތިންވަނަ ލަނޑު ޖަހައިދެނީ -- ފޮޓޯ/ ދި ސްޓާ

ޖަރުމަނު ބުންޑަސްލީގާގައި އާރްބީ ލެއިޕްޒިގުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށްފިއެވެ.

ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މި މެޗު ލެއިޕްޒިގުން ކާމިޔާބު ކޮށްފައިވަނީ 3-2 އިންނެވެ.

މެޗުގައި އެނެމެ ފުރަތަމަ ލަނޑެއް ފެނުމުގެ ބަދަލުގައި ފެނިގެންދިޔައީ ރަތް ކާޑެކެވެ. ލެއިޕްޒިގްގެ ލުއިސް އޮޕެންޑާ ހުސްކޮށް ބޯޅައާ އެކު ޑޯޓްމުންޑްގެ ގޯލާ ދިމާލަށް ދަނިކޮށް މެޓްސް ހުމެލްސް ކުރި ފައުލާ ގުޅިގެން ރެފްރީ އެންމެ ފުރަތަމަ އޭނާއަށް ރީނދޫ ކާޑު ދެއްކުމަށް ފަހު ޕެނަލްޓީއެއް ދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހުވަނީ އެއީ ޕެނަލްޓީ އޭރިއާ ބޭރުން ވީ ފައުލެއް ކަމަށް ބުނެ ހުމެލްސްއަށް ރަތް ކާޑު ދައްކައިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައިވަނީ ލެއިޕްޒިގުންނެވެ. ނަމަވެސް މި ލަނޑަކީ މެޗުގެ 32 ވަނަ މިނެޓުގައި ޑޯޓްމުންޑްގެ ރެމީ ބެންސެބައިނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް ޑޯޓްމުންޑުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިކްލަސް ސުލާ ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގައި ލެއިޕްޒިގްއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 54 ވަނަ މިނެޓްގައި ކްރިސްޓޯފް ބައުމްގާޓްނާ ޖަހައިދިން ލަނޑުންނެވެ. މެޗުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓްގައި ލެއިޕްޒިގްއިން ވަނީ ބަދަލު ކުޅުންތެރިޔާ ޔޫސުފް ޕޯލްސެން ޖަހައިދިން ލަނޑުން އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގައި ޑޯޓްމުންޑްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ޖަހައިދިީ ނިކްލަސް ފުލްކުރުގެވެ.

މެޗު ކާމިޔާބުކުރުމާ އެކު ލެއިޕްޒިގް މިހާރު ވަނީ ކުޅުނު 14 މެޗުން ލިބިފައިވާ 29 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި ޑޯޓްމުންޑް އޮތީ 25 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައިގައެވެ.

comment ކޮމެންޓް