ދެ ދުވަހަށް ފަހު އައްޑުއަށް ފެން ފޯރުކޮށްދީފި

އައްޑޫ ފޭދޫ މަގުމަތި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫސިޓީ ހިތަދޫގައި ގާއިމްކޮށްފައި ހުރި ފެން ޕްލާންޓަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ދެ ދުވަހު ފެނުގެ ޚިދުމަތް މެދުކެނޑިފައި ހުރުމަށް ފަހު، އެ ސިޓީއަށް އަލުން ފެނުގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިފައިވަނީ މިދިޔަ ބުރާސްފަތު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ.

އައްޑޫ ސިޓީއަށް ސާފު ބޯފެން ފޯރުކޮށްދޭ ފެނަކައިން މިރޭ ނުވައެއް ޖަހާކަށް ހާއިރު ވަނީ ހިތަދޫގެ ފެން ޕްލާންޓަށް ޖެހުނު ޓެކްނިކަލް މައްސަލަ އެއްކޮށް ހައްލުކޮށްފައެވެ. އަދި އޭގެ ތިން ގަޑިއިރު ތެރޭ ފެނުގެ ޚިދުމަތް އަލުން ދޭން ފެށޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ތިން ގަޑިއިރަށް ފަހު އައްޑުއަށް ފެން ލިބިފައިވާ ކަމަށް އައްޑޫސިޓީ ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލް މެންބަރު ހުސައިން ޒަރީރު ވަނީ 'ސަން'އަށް މައުލޫމާތުދެއްވާފައެވެ.

https://sun.mv/185858

މީގެ ކުރިން މިރޭ ނެރުނު ބަޔާނެއްގައި ފެނަކައިން ބުނީ ފެން ކެނޑުމުގެ މައްސަލަ ދިމާވީ މަރާމާތުތައް ނުކުރުމުގެ އިތުރުން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ފެނުގެ ނިޒާމު އިންސްޕެކްޓުކޮށް ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމަށް އަންގައި ފޮނުވާފައިވާ ރިޕޯޓަށް، އެ އޮތޯރިޓީން ދީފައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލުކުރެވިފައި ނުވުމުގެ ސަބަބުން ކަމަށެވެ. އަދި ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފެނުގެ ޚިދުމަތް މެދުކެނޑިފައި ވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ފެނަކައިން ބުނީ އެ ކުންފުނީގެ ޕްލާންޓަކަށް މައްސަލައެއް ދިމާވާ ހާލަތުގައި ވެސް ފެނުގެ ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އައްޑޫސިޓީގެ ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ ވުޒާރާތަކާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށެވެ.

އައްޑޫއަކީ މާލޭ ސިޓީ ނެގުމަށް ފަހު އެންމެ އާބާދީ ބޮޑު ސިޓީއެވެ. ޖުމުލަ 12،000 އަށްވުރެ ގިނަ ރައްޔިތުން އައްޑޫގައި ދިރިއުޅެއެވެ. އޭގެ ތެރެއިން ބޮޑު ބައެއް އުޅެނީ ގުޅިފައިވާ ރަށްތަކުގައެވެ.

comment ކޮމެންޓް