އިމާދުއްދީން ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން އެ ސްކޫލުގައި ބީއެމްއެލުން ތެރަޕީ ރޫމެއް ގާއިމު ކޮށްފިއެވެ.
ބީއެމްއެލުން ބުނީ މިއީ، މުޖުތަމައުއަށް އެހީވުމުގެ ގޮތުން އެ ބޭންކުން ކުރާ އިންވެސްޓްމަންޓުގެ ދަށުން ގާއިމުކުރި ތެރަޕީ ރޫމެއް ކަމަށެވެ.
އެ ތެރަޕީ ރޫމް ފަރުމާ ކޮށްފައިވަނީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގާބިލުކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެން ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލުން އިމާދުއްދީން ސްކޫލުގައި ގާއިމުކުރި ތެރަޕީ ރޫމް--
އަދި މީގެ އިތުރުން 'ސެންސަރީ އެކްޓިވިޓީސް' އާއި ކައުންސިލިން ވެސް މި ތެރަޕީ ރޫމުން ދިނުމަށް ހަމަޖެހިފައިވާ ކަން ވެސް އެ ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.
ބީއެމްއެލުން ބުނީ ޢިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން އަލަށް މި ގާއިމު ކުރެވުނު ތެރަޕީ ރޫމް ބޭނުންކުރާނެ ކަމަށެވެ.
ބީއެމްއެލުން އަބަދުވެސް އަންނަނީ، ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރާއި އަދި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރަމުންނެވެ.
މީގެއިތުރަށް އެ ބޭންކުން ބުނީ، ތައުލީމީ ދާއިރާ އަކީ އެ ބޭންކުން އަބަދުވެސް ހާއްސަކަމެއްދޭ މުހިންމު ދާއިރާއެއް ކަމަށެވެ.

ބީއެމްއެލުން އިމާދުއްދީން ސްކޫލުގައި ގާއިމުކުރި ތެރަޕީ ރޫމް--
އެގޮތުން ފާއިތުވި ހަތަރު އަހަރުތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސްޕެޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ވެސް ހަދިޔާކޮށްފައެވެ. އަދި އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓަރު ލެބް ތަރައްގީކުރުމަށްވެސް އެ ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.