ގަތުލުއާންމުތައް ހުއްޓާލަން ގޮވާލި ގަރާރު ވީޓޯ ކުރުމުން އެމެރިކާ އެކަނިވެއްޖެ

އެމެރިކާ ޣައްޒާއާބެހޭ ގަރާރު ވީޓޯ ކުރަނީ

އދ. މަޖިލިސް (9 ޑިސެންބަރު 2023) : ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރު އެމެރިކާއިން ވީޓޯ ކުރުމުން ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ އެކަހެރި ވެއްޖެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އެދިިވަޑައިގަތުމަކަށް ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިސްވެ އޮވެގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި މި ގަރާރަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 13 ގައުމަކުން ތާއީދުކޮށްފައިވާއިރު މިގަރާރާ ދެކޮޅުހެދީ އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ދެގައުމު ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ.

ފަރަންސޭސިވިލާތަކީވެސް އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެކެވެ. ނަމަވެސް ފަރަންސޭސި މަންދޫބު ވަނީ ޣައްޒާގައި އިސްރާއީލު ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލައި ސުލްހައަށް ގޮވާލާ މިގަރާރަށް ތާއީދުކުރާކަން ފަހުވަގުތު ހާމަކުރައްވާފައެވެ.

މިގަރާރު ގޮވާލަނީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޔަހޫދީ ލަޝްކަރުތަކުން ޣައްޒާއާ ދެކޮޅަށް ދެމުންގެންދާ ހުރިހާ ބާވަތެއްގެ ހަމަލާތަކެއް މިހާރުން މިހާރަށް ހުއްޓާލުމަށެވެ. އަދި ހަމާސް އާއި އިސްރާއީލާ ދެމެދުގައިވާ އަސީރުންގެ މައްސަލަ އެއްބަސްވުމެއްގެ ދަށުން ހައްލުކުރުމަށެވެ.

އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުން އެމެރިކާގެ މަންދޫބު ރޮބަޓް ވުޑް ސިފަކުރެއްވި ގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގަނީ ގަތުލުއާންމުތަކެއްގެ ބަދަލުގައި އަސްކަރީ އޮޕަރޭޝަނެކެވެ. އެއޮޕަރޭޝަން ހުއްޓާލަންޖެހޭ ވަގުތު އަދި ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގެ ދެލިކޮޕީވަނީ ވަކިކޮޅަކަށް ބުރަވެފައި ކަމަށް ވިދާޅުވެ ރޮބަޓް ވުޑް ވަނީ އެ ގަރާރަށް އެމެރިކާ ތާއީދުނުކުރާކަން ހާމަކުރައްވައި ވީޓޯގެ ބޭނުން ކުރައްވައި އެ ގަރާރު ބާތިލު ކުރައްވާފައެވެ. މި ވީޓޯގެ ސަބަބުން އެމެރިކާވަނީ މުޅި ބައިނަލްއަގްވާމީ މުޖްތަމައުގައި އެކަހެރިވެފައެވެ.

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށް ހަމަލާދީ ކޮންމެދުވަހަކު އެތައް ސަތޭކަ ބަޔަކު މަރައި ހިންގަމުން މިގެންދާ ގަތުލުއާންމުތަކަކީ ސީދާ އެމެރިކާގެ އެދުމުގެ މަތިން އެމެރިކާ އަޑީގައި އޮވެގެން ހިންގާ ގަތުލުއާންމު ތަކެއްކަން އެމެރިކާގެ މި ނިންމުމުގެ ސަބަބުން ވަނީ ހާމަވެފައެވެ.

ނަމަވެސް އެމެރިކާގެ މަންދޫބު ވަނީ އެމެރިކާގެ ހުތުރު މޫނު ރީތިކުރުމަށްޓަކައި ޣައްޒާއަށް އިތުރު އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެހީތެރިވުމަށް އެމެރިކާ މަސައްކަތް ކުރާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ހަތިޔާރާއި އެމެރިކާގެ އަސްކަރީ އެހީގައި އިސްރާއީލުން މިހާތަނަށް ޣައްޒާގެ އާންމުންގެ 17000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު މީގެތެރޭގައި ގިނައީ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

އެމެރިކާއަކީ އެ ގައުމުގެ ރައްޔިތުންނާއި އިސްރާއީލު މީހުންގެ ފުރާނަ ފިޔަވައި އެހެން އިންސާނުންގެ ފުރާނައަށް އެއްވެސް އަގަލެއް ކުލުނެތް ރަހުމެއްނެތް ގައުމެއްކަން އެމެރިކާގެ މިއަމަލުން ވަނީ ހާމަވެފައެވެ.

އީރާނުގެ ރަސްމީ މީޑީއާއިން ވަނީ އެމެރިކާއަކީ އިންސާނީ ހައްގުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހަދައި އެއިން ސިޔާސީ ފައިދާ ނަގާ ގައުމެއްކަމާއި ހަގީގަތުގައި އެމެރިކާއަކީ އިންސާނީ ހައްގުތަކަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ސިފަކޮށްފައެވެ.

އީރާނުގެ އިތުރުން އެތައް ގައުމަކުން ވަނީ އެމެރިކާގެ މިއަމަލު ކުށްވެރިކޮށް އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މީގެތެރޭގައި އަލްޖަޒާއިރު، ވެނެޒުއެލާ، އޮމާން، ރަޝިއާ، ކޮލަންބިއާ ދެކުނު އެފްރިކާ އަދި ތުރުކީފަދަ އެތައް ގައުމެއް ހިމެނެއެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓާލުމަށް ގޮވާލާ މި ގަރާރު ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވަނީ އދ. ގެ ޗަޓަރުގެ 99 ވަނަ މާއްދާއަށް ޢަމަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރެސް ދެއްވުމާ ގުޅިގެންނެވެ.

ބައިނައަގްވާމީ އަމަނާއި ސުލްޙަ ދެމެހެއްޓުމަށް އޮތް ހާލަތު އިތުރަށް ގޯސްވެދާފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެ މައްސަލައަކާ ގުޅިގެން ސަލަމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދުމުގެ ބާރު އދ. ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން އދ. ގެ ސެކްރެޓްރީ ޖެނެރަލަށް ލިބިދެއެވެ.

ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކަކީ ބައިނައަގްވާމީ އަމަނާއި ސުލްޙަ ދެމެހެއްޓުމަށް އޮތް ހާލަތު އިތުރަށް ގޯސްވެދާފަދަ ހާލަތެއްކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެކެވަޑައިގަންނަވާތީ ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާން ހުއްޓާލުމަށް ގޮވާލާ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓަރެސް ގޮވާލެއްވީއެވެ.

ގުޓަރެސް މި މާއްދާގެ ބޭނުން ކުރެއްވި މައްސަލާގައި އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ ގުޓަރެސް އަކީ ބައިނަލްއަގްވާމީ އަމަނާއި ސުލްހައަށް ކުރިމަތިވެފައިވާ ނުރައްކަލެއްކަމަށް ސިފަކޮށް ގުޓަރެސް ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު