އެއްބަސްވުން ހަމަވެ، ފެނަކައިން 900 އަށްވުރެ ގިނަ މުވައްޒަފުން ދޫކޮށްލައިފި

ފެނަކަ: އެ ކުންފުނިން ވަނީ އެއްބަސްވުން ހަމަވެގެން 900އަށް ވުރެ ގިނަ މުވައްޒަފުން ދޫކޮށްލާފައި --

އެއްބަސްވުން ހަމަވެގެން، 40އަށް ވުރެ ގިނަ ރަށުން 900 އަށް ވުރެ ގިނަ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ވަނީ ނިމުނު ރިޔާސީ އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ކޮންޓްރެކްޓު އުސޫލުން ނަގާފައި ކަމަށް ފެނަކައާ ހަވާލުވީ އާ މެނޭޖުމަންޓުން ވަނީ ތުހުމަތުކޮށްފައެވެ. ރަށްރަށުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ އެކިއެކި މަޝްރޫއުތަކަށް ނެގި ގިނަ އަދަދެއްގެ މުވައްޒަފުންގެ ކޮންޓްރެކްޓު ހުސްވި ނޮވެމްބަރު 30 ގައި ވަނީ ހަމަވެފައެވެ.

ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، ކޮންޓްރެކްޓު އާނުކުރާން ނިންމައި، ދޫކޮށްލީ އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްނުދާ ނުވަތަ މަސައްކަތް އެއްކޮށް ނިމިފައިވާ މަޝްރޫއުތަކަށް ކޮންޓްރެކްޓު އުސޫލުން ނަގާފައިވާ މުވައްޒަފުން ކަމަށެވެ.

އެއީ، 40 އަށް ވުރެ ގިނަ ރަށުން 900 އަށް ވުރެ ގިނަ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެނަކައިގެ އޮފީސް އިމާރާތްތައް ހެދުމާއި ޕަވާ ހައުސް ހެދުމާ މި ކަހަލަ ކަންތައްތައް ކުރަން ނަގާފައި އެބައުޅޭ ގާތްގަނޑަކަށް 1800 އެއްހައި ސްޓާފުން. ހަމައެކަނި މި ކަންތައްތަކަށް އެކަނި،" އޭނާ ވިދާޅުވިއެވެ.

"އޭގެ ތެރެއިން އެގްރިމެންޓު އާނުކުރާން ނިންމީ އެއްކޮށް ނިމިފައިހުރި ތަންތަން ނޫނީ އެއްގޮތަކަށް ވެސް މަސައްކަތް ކުރިއަށްނުދާ ތަންތަން. ގާތްގަނޑަކަށް ހަތަރު ފަސް މަސްވެ، އެއްގޮތަކަށް ވެސް މަސައްކަތް ކުރިއަށްނުދާ ތަންތަން،"

އޮކްޓޯބަރ 21، 2016: ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވެ، އެފަދަ މަޝްރޫއުތަކަށް ކޮންޓްރެކްޓު އުސޫލުން ނަގާފައި ތިބި މުވައްޒަފުން ދޫކޮށްލަން ނިންމީ ކަމަށް މުއާޒު ވިދާޅުވިއެވެ.

"އެ މީހުންނަށް އިތުރަށް މަސައްކަތެއް ކުރިއަށް ގެންދެވެން ނެތިމާ ދޫކޮށްލީ،" އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރު ނިމުނުއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކައިގައެވެ. އެ ސަރުކާރު ނިމުނުއިރު ފެނަކައިގައި 7،000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް