ޖިރޯނާގައި ވިދަމުން އަންނަ ބްރެޒިލް ފޯވަޑް ސަވީނިއޯ ގެންދިއުމަށް ބާސެލޯނާ އިން މަޝްވަރާތައް ފަށައިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
މި ސީޒަނުގައި ޓްރޯޔެސްއިން ލޯނުގެ ދަށުން ޖިރޯނާއާ ގުޅުނު އުމުރުން 19 އަހަރުގެ ސަވީނިއޯ ދަނީ ސްޕެނިޝް ލަލީގާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ސަވީނިއޯ ކުޅުނު ލަލީގާގެ 15 މެޗުގައި ގިނަ އެސިސްޓުތަކެއް ހަދައި، ހަތަރު ގޯލު ކާމިޔާބުކޮށްދީފައިވާއިރު، ޖިރޯނާގެ ތަފާތު ނަތީޖާތަކުގެ ފަހަތުގައި އިސް ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔަކީ ސަވީނިއޯއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސަވީނިއޯ ގެންދިއުމަކީ ބާސާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯގެ ވަރަށް މުހިންމު އަމާޒެކެވެ. އެކަމާ ގުޅޭގޮތުން މިހާރު ސަވީނިއޯގެ އެޖެންޓުންނާއެކު މަޝްވަރާތައް ފަށައިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބާސާ މިވަގުތު އޮތީ ކުޅުނު 15 މެޗުން ލިބުނު 34 ޕޮއިންޓާއެކު ލަލީގާ ތާވަލުގެ ތިންވަނައިގައެވެ.
އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެވަނައިގައި އޮތް ޖިރޯނާގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް 15 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.
މި ސީޒަނުގައި ޖިރޯނާ ތާވަލުގެ ކުރީގައި އޮތުމުން ގިނަ ބަޔަކު އެ ޓީމު ދެކެނީ "ސަޕްރައިޒިން" ޓީމެއްގެ ގޮތުގައެވެ.
ބާސާއިން ގެންދިއުމަށް މަސައްކަތްކުރާ ސަވީނިއޯގެ ކެރިއަރު ފެށީ ބްރެޒިލްގެ އެތުލެޓިކޯ މިނޭރޯއިންނެވެ. އެއަށްފަހު ފްރާންސްގެ ޓްރޯޔެސްއާ ގުޅުނު ސަވީނިއޯ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2027 ގައެވެ.