ހުޅުމާލެއިން ހަފުތާއެއް ތެރޭ 60 ޓަނުގެ ކުނި ސާފުކޮށްފި

އެ ކުންފުނީގެ މުވައްޒަފުން ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/އާބަންކޯ

އާބަންކޯއިން، ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއްގެ ހިޔާ ސަރަހައްދުން ހަފުތާއެއް ތެރޭގައި 60 ޓަނުގެ ކުނި އެއްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އާބަންކޯއިން ވަނީ ހުޅުމާލެ ސާފުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފައެވެ.

މި ހަރާކާތުގެ ތެރެއިން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި ސާފުކުރެވިފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ކުރިއަށް ގެންދަނީ އާބަންކޯގެ އާ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އާބަންކޯގެ ކުންފުނީގެ މުވައްޒަފުން ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/އާބަންކޯ

ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ، ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތްކަތެއް ކުރަމުންނެވެ. އަދި، ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތައިލުމުގެ މަސައްކަތް މީގެ ކުރިން ވެސް ތަކުރާރުކޮށް ކުރިއަށް ގެންދިޔައެވެ.

މިގޮތުން މަދިރި މަދުކުރުމަށް ދާދި ފަހުން ކުރިއަށް ގެންދިޔަ 'ޑެންގީ އިޖާބަ' ކެންޕެއިން ގައި ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް މަދިރި އާލާވުން މަދުކުރަން ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރިއެވެ.

އާބަންކޯގެ މަގުސަދަކީ ހުޅުމާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުން ކަމުގައި އެ ކުންފުނިން ބުންޏެވެ. އަދި، މި މަގުސަދަށް ވާސިލުވުމަށް ވަކިވަކި ފަރުދުން ވެސް އެ ބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން އެދުނެވެ.

އާބަންކޯއިން ކުރިއަށްގެންދާ މިފަދަ އިޖުތިމާއީ މަސައްކަތްތަކުގައި ހުޅުމާލޭގެ ރައްޔިތުންދޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް