ކޮންމެ ދުވަހަކު ވެސް ސްކޫލު ސެޝަން ގައުމީ ސަލާމުން ފަށަން ނިންމަވައިފި

ނޮވެމްބަރ 19، 2017: ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ބައެއް ސުކޫލް ތަކުގައި ބޭއްވި ޖާފަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ސްކޫލު ސެޝަންގެ ކިޔެވުން ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާ ގޮތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިއަދު އޮތް ކެބިނެޓް ބައްދަލުކުރެއްވުމަށްފަހު އެ ބައްދަލުވުމުގައި ނިންމެވި މުހިންމު ނިންމެވުންތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ފުރަތަމަ ޓާމް ބަންދަށްފަހު ޖެނުއަރީގައި ސްކޫލުގެ ކިޔެވުން ފެށޭ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ހުރިިހާ ސެޝަނެއް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާނެ ކަމަށެވެ.

ގައުމީ ސަލާމް ކިޔާނީ ސެޝަން ފެށުމަށް ބާއްވާ އެސެމްބްލީގައިކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޑިސެމްބަރުގައި ސްކޫލު ބަންދުވެފައި ޖެނުއަރީގައި ސްކޫލު ހުޅުވޭ ޓާމުން ފެށިގެން ދެން ކޮންމެ ސްކޫލެއްގައި ކިޔަވާ ކުދިން ސެޝަން ފަށާނީ ގައުމީ ސަލާމް ކިޔައިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގައުމިއްޔަތު ދިރުވުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުކަމަށެވެ. އެހެންކަމުން ދަރިވަރުންގެ ހިތްތަކުގައި އެ ލޯބި އަަށަގަންނުވައި، ގައުމީ ލަވައިގައި ދައްކާ ވާހަކައިގެ ޅެން ފަހުމުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެއީ މުސްތަގްބަލުގައި ގައުމު ދެކެ ލޯބިވާ ރައްޔިތަކު ބިނާކުރުމަށް ޓަކައި ތައުލީމީ ނިޒާމުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތަކަށް ވާނެކަމަށެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވުމާއެކު އެންމެ މުހިންމު ކަމެއް ދީގެން ކުރާ އެއް މަސައްކަތުގެ ތެރޭގައި ގައުމިއްޔަތު ދިރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

އެ ކަމަށް ޚާއްސަ މެންޑޭޓަކާއެކު ގައުމިއްޔަތު މިނިސްޓްރީއެއް އުފައްދަވައިފައިވާއިރު އެންމެ އިސްކޮށް ގައުމިއްޔަތާއި ދިވެހިބަހާއި ސަގާފަތުގެ ކަންކަން ބަލަހައްޓަނީ އެ މިނިސްޓްރީންނެވެ.

comment ކޮމެންޓް