ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިސްޓުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިމަހުގެ ތިނެއްގެ ނިޔަލަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1,703,204 ފަތުވެރިންނެވެ. އެއާ އަޅާބަލާއިރު މިދިޔަ އަހަރު މިހާތަނަށް ޒިޔާރަތްކުރީ 1,508,307 ފަތުރުވެރިންނެވެ. މިއީ 12.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ދުވާލެއްގެ މަައްޗަށް ރާއްޖެ އަންނަނީ 5,099 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު އަންނަނީ ރަޝިއާއިންނެވެ. އެގައުމުން 193,269 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެ މަގާމުގައި އޮތް އިންޑިއާއިން ޒިޔާރަތްކޮށްފައި ވަނީ 185,987 ފަތުރުވެރިންނެވެ.

ދެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތަކަށް ބަލާއިރު:

  • ޗައިނާ: 176,803 ފަތުރުވެރިން
  • ޔުނައިޓެޑް ކިންގްޑަމް: 139,867 ފަތުރުވެރިން
  • ޖަރުމަނު: 124,052 ފަތުރުވެރިން
  • އިޓަލީ: 101,194 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 67,238 ފަތުރުވެރިން
  • ފްރާންސް: 44,442 ފަތުރުވެރިން
  • ސްޕެއިން: 37,420 ފަތުރުވެރިން
  • ސްވިޒަލެންޑް: 33,991 ފަތުރުވެރިން

ތަފާސްހިސާބުން ދައްކާ ގޮތުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ 1,261 ތަނެއްގައި 63,644 އެނދު މިހާރު އެބަ ހިންގައެވެ. އޭގެ ތެރެއިން ގިނައީ ރިސޯޓްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އެނދެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު ފުރަތަމަ ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނަމަވެސް ރިޔާސީ ކެމްޕޭން ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ އަދަދު 1.9 މިލިއަނަށް މަތިކުރައްވާފައެވެ.

comment ކޮމެންޓް