ސަރުކާރުގެ ފަރާތުން ހުށަހެޅި ކުންފުނީގެ ބިލު ފާސްކޮށްފި

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް-- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން ހުށަހެޅި ކުންފުނީގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތާ އެއްގޮތަށް މިއަދުގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިއްޔެ ވެސް އެ ވޯޓަށް އެހުމަށް އެޖެންޑާ ކުރިއެވެ. ނަމަވެސް ވޯޓަށް އެހުމަށް ބޭނުންވާ 44 މެންބަރުންގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ވޯޓަށް ނޭހުނެވެ.

އެއަށް ފަހު މިއަދުގެ ޖަލްސާއަށް އަނެއްކާ ވެސް އެ ބިލު ފާސްކުރުމަށް އެޖެންޑާ ކުރިއެވެ.

މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައި ވަނީ 53 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ މެންބަރެކެވެ.

ކުންފުނީގެ ބިލުގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި:

  • ކުންފުނި އުފެއްދުމާއި ރަޖިސްޓްރީކުރުމާއި ހިންގުމާއި އުވައިލުމުގެ ހަމަތައް
  • އިގުތިސާދީ ބޭނުންތަކަށް އިންވެސްޓުކުރުން
  • ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ބަދަލު ގެނައުން
  • އިގުތިސާދީ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތައިލުން
  • ވީހާ ވެސް ދެފުށް ފެންނާނެ ގޮތަށް ބަދަލުކުރުން

ކުންފުންޏާއި ބެހޭ އާ ގާނޫނު ވެގެންދާނީ ވިޔަފާރީގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދައި, ދެމެހެއްޓުމަށް އެޅޭ އެންމެ މުހިންމު ބިންގަލަކަށް ކަމަށް މީގެ ކުރިން އިކޮނަމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ ކުރިން އަމަލުކުރަމުންދާ ކުންފުނިތަކާ ބެހޭ ގާނޫނަކީ މީގެ 25 ވަރަކަށް އަހަރުކުރިން އެކުލަވާލައިފައި އޮތް ގާނޫނެކެވެ.

comment ކޮމެންޓް