ފެނަކައިގެ މުވައްޒަފުން ގަވާއިދާ ޚިލާފަށް ވަކިކުރާކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދުގެ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި، ކަރަންޓާއި، އައިސްޕްލާންޓް އަދި ނަރުދަމާއާއި ބޮޓްލިން ޕްލާންޓްތަކުގެ ޚިދުމަތް ދެމުންގެންދާ ފެނަކައިގެ މުވައްޒަފުން، މި ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ވަޒީފާއިން ވަކިކޮށް ޖައްސަމުންގެންދާ ހާލު ކުށްވެރިކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އެ ކުއްލި މައްސަލާގައި ބުނެފައިވަނީ މިހާރުގެ ސަރުކާރުން ފެނަކައިގެ މުވައްޒަފުން ނާއިންސާފުން ވަކި ކުރަމުން ދާ ކަމަށާއި އެހެންކަމުން އެކަން ހުއްޓުވައި ދިނުމަށް އެދޭ ކަމަށެވެ.
އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެ، އެ މައްސަލާގައި ބަހުސްކުރަން ބޭނުންވާ ހުރިހާ މެންބަރުން ބަހުސްކޮށް ނިމެންދެން ބަހުސްގެ ވަގުތު ވަނީ އިތުރުކޮށްފައެވެ.
އެ މައްސަލާގައި އެމްޑީޕީ މެންބަރުން އެންމެ ބޮޑު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ، މި ސަރުކާރުން އެތައް ބައެއްގެ ވަޒީފާ ފޭރެމުންދާ ކަމަށް ބުނެއެވެ. އަދި ވެރިކަމަށް އައުމުގެ ކުރިން ރައީސް މުއިއްޒު ވަނީ އެއްވެސް މީހެއްގެ ވަޒީފާ އަތުނުލައްވާނެ ކަމަށް ވިދާޅުވެފައި ކަމަށާއި މިހާރު އެ މަނިކުފާނުގެ ބަހާއި އަމަލާ ދިމާ ނުވާކަމަށް ވިދާޅުވެ މެންބަރުން ވަނީ، އެކަން އެގޮތަށް ނުކޮށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައިފައެވެ.
އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަމުން ދިޔަ ވަގުތު ސަރުކާރު ތަމްސީލު ކުރާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، ޕީޕީއެމްގެ ކުރީގެ ވެރިކަން 2018 ވަނަ އަހަރު ނިމުނުއިރު މާބޮޑު ދަރަންޏެއް ފެނަކައިގަ ނެތް ކަމަށެވެ. އެމްޑީޕީ މެންބަރުން ހަރު އަޑުން އެކަމާ ވާހަކަދައްކާއިރު ފެނަކައިގެ ދަރަނީގެ ގޮތުގައި ތިން ބިލިއަން ރުފިޔާ އެބައޮތް ކަމަށް ތޯރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެނަކައިގެ މުވައްޒަފުންނަކީ ކޮންޓްރެކްޓް އުސޫލުން އިންޖީނުގެ އަޅަން ހަވާލުކޮށްފަތިބި މުވައްޒަފުންތަކެއް ކަމަށާއި އިންޖީނުގެއާއި ބޮޓްލިން ޕްލާންޓް އަޅާ ނިމުމުން ދެން އެމީހުންގެ ވަޒީފާ ކަންތައް ނިމޭނެ ކަމަށެވެ.
"ފެނަކައަކީ މިތާ ތިބި އިއްޒަތްތެރި މެނަބްރުންތަކެއް ވައްކަން ކުރަން އޮތް ތަނެއް. މިހާރު ދަރަނި އެހުރީ ތިން ބިލިއަން ރުފިޔާގަ. ވީމާ އެ މީހުންގެ ވަޒީފާ ނިމޭނެ ކޮންޓްރެކްޓް އުސޫލުން،" ތޯރިގު ވިދާޅުވިއެވެ.
"މަޖިލީހުގެ ޗެމްބަރުގައި ސަރުކާރު ތަމްސީލުކުރަން ހުރީ އަޅުގަނޑު އެކަނި. އެކަމަކު މިވާހަކަ އަޅުގަނޑު ދައްކާތީ ހަޖަމެއް ނުވާނެ،"
އެ މައްސަލައާ ގުޅިގެން ޑިމޮކްރެޓްސްއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ފެނަކައިގެ ވަޒީފާތަކަކީ ސިޔާސީ ބޭނުމަށް، އާއިލާތައް ގަނެލުމަށްޓަކައި ދީފައިވާ ވަގުތީ ވަޒީފާތަކެއް ކަމަށެވެ. އަދި އެއީ ވޯޓު ހޯދުމަށްޓަކައި ދީފައިވާ ސިޔާސީ މަގާމުތަކެއް ކަމަށް ތުހުމަތުކުރެއްވިއެވެ. އަދި އެކަމުގެ ލަނޑު މިހާރު އާއިލާތަކަށް ލިބެމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފެނަކައިގަ އެކަނި 7،000ހަށްވުރެ ގިނަ ވަޒީފާ ދީފަ އެބައޮތް. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކުރި ކަމަކުން ރައްޔިތުންނަށް އެ އޮތީ މިއަދު އެ ލަނޑު ލިބިފަ،" އިމްތިޔާޒު ވިދާޅުވިއެވެ.
އެ ބަހުސްގައި ވާހަކަދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ފެނަކައިން އެއްވެސް މުވައްޒަފަކު ވަކިނުކުރާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އިދިކޮޅުން ދޮގު ވާހަކަތަކެއް ދައްކާ ކަމަށާއި އެއީ މުޅި ގައުމު ހަލަބޮލި ކުރުވުމުގެ ނިޔަތުގައި ކުރަމުންދާ ކަމެއް ކަމަށް އާމިރު ވިދާޅުވިއެވެ.
"އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އެ ކުންފުނީގެ ނޭންގާނީ އަމަލުތައް މިތަނަށް ހުށަހަޅައިގެން ބަލާނެ،" އާމިރު ވިދާޅުވިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުރީ ސަރުކާރު ނިމުނުއިރު، ފެނަކައިގެ ދަރަނި އޮތީ ތިން ބިލިއަނަށް ވުރެ އިތުރުވެފައެވެ.
އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައި ކަމަށާއި އެ ކުންފުނީގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕީސީބީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.