އިންޑިއާގެ ތިން ސްޓޭޓެއްގެ އިންތިޚާބު ބީޖޭޕީއިން ކާމިޔާބުކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ. ފޮޓޯ/ޗެނަލް ނިއުސް އޭޝިއާ

އަންނަ އަހަރު އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިޚާބާ ދިމާކޮށް ބޭއްވި އިންޑިއާގެ އެންމެ މުހިންމު ހަތަރު ސްޓޭޓް އިންތިޚާބުގެ ތެރެއިން ތިން އިންތިޚާބެއް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކާމިޔާބުކޮށްފިއެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓާ ހަވާލާދީ އެންބީސީ ބުނާ ގޮތުގައި ބީޖޭޕީން ވަނީ ރާޖިސްތާނާއި ޗައްތިސްގަރުގެ ކޮންޓްރޯލު ހޯދައިފައެވެ. އަދި މަދްޔަ ޕްރަދޭޝްގައި ބީޖޭޕީން ކުރި ވެރިކަން ފަސް ވަނަ ފަހަރަށް ވަނީ ވަނީ މި އިންތިޚާބުގެ ނަތީޖާއާއެކު ދަމަހައްޓައިފައެވެ.

ސަރަހައްދީ ޕާޓީއެއް ބަލިކޮށް، އިދިކޮޅު މައި ކޮންގްރެސް އިން ވަނީ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ތެލަންގަނާ ކާމިޔާބުކޮށްފައެވެ.

ފަސް ސްޓޭޓެއްގައި މިދިޔަ މަހު ބޭއްވި އިންތިޚާބުގައި 160 މިލިއަނަށް ވުރެ ގިނަ މީހުންނަށް ނުވަތަ އިންޑިއާގައި ވޯޓުލެވޭ މީހުންގެ ހަބައިކުޅަ އެއްބައި މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

އާބާދީ ބޮޑު ކަމުން އިންޑިއާގައި ވޯޓުލުން އާންމުކޮށް ކުރިއަށް ގެންދަނީ މަރުހަލާތަކަކަށް ބަހައިލައިގެންނެވެ.

ބީޖޭޕީއަށް ލިބުނު މި މޮޅާއެކު އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ ތިން ސްޓޭޓުން ލިބުނު ނާކާމިޔާބީ ގަބޫލުކޮށްފައެވެ. ނަމަވެސް "ފިކުރުގެ ހަނގުރާމަ ކުރިއަށްދާނެ" ކަމަށް އޭނާ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ސީދާ އަގުލަބިއްޔަތެއް ބީޖޭޕީއަށް މިހާރުވެސް އެބައޮތެވެ. އިންޑިއާގެ 28 ސްޓޭޓެއްގެ ތެރެއިން 15 ސްޓޭޓެއް ކޮންޓްރޯލް އޮތީ ބީޖޭޕީއަށެވެ. ދެން ހުރި ސްޓޭޓްތައް ކޮންޓްރޯލް ކުރަނީ ކުދި ޕާޓީތަކުގެ ބައިވެރިވުމާއެކު ކޮންގްރެސްއިންނެވެ.

އިންޑިއާގެ ވެރިކަން ގާތްގަނޑަކަށް ދިހަ އަހަރު ކޮށްފައިވާ މޯދީ އާއި އޭނާގެ ޕާޓީގެ މަގުބޫލުކަން އަދިވެސް އޮތްއިރު، ދިރާސާތަކުން ދައްކައި ގޮތުގައި 2024ވަނަ އަހަރު ޖެހިޖެހިގެން ތިން ވަނަ ދައުރެއް މޯދީ ކާމިޔާބު ކުރައްވާނެކަމަށް ބެލެވެއެވެ.

ނަމަވެސް އިދިކޮޅު 28 ޕާޓީގެ އާ އިއްތިހާދެއް ހަދައި "އިންޑިއާ" ކިޔާ ޕާޓީއެއް އުފައްދާފައިވާއިރު، އެ ޕާޓީން މޯދީގެ ޕާޓީއަށް ގައުމީ ފެންވަރުގައި ގޮންޖަހާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް