އާމިތާބުގެ ދެބަފައިންގެ ފިލްމު 'ޕާ'އަށް 14 އަހަރު

އަމީތާބް ބައްޗަން އާއި އަބީޝެކް ބައްޗަން ފިލްމު "ޕާ"ގެ މަންޒަރެއްގައި

އަމީތާބް ބައްޗަންއާއި އަބިޝޭކް ބައްޗަން އެކީގައި ކުޅުނު ފިލްމު "ޕާ"އަށް 14 އަހަރު ފުރުމާ ދިމާކޮށް ފިލްމާ ގުޅުންހުރި ގިނަ ހަނދާންތަކެއް ޑައިރެކްޓަރު އާރް ބަލްކީ އާއްމުންނާ ހިއްސާކޮށްފިއެވެ.

އަމީތާބް އޯރޯ ނަމަކަށް ކިޔާ އާދަޔާ ޚިލާފު ޖެނެޓިކް ޑިސްއޯޑާއެއް ހުންނަ ކުއްޖެއްގެ ރޯލު ކުޅުނު މި ފިލްމުގައި އަބީޝެކް ކުޅެފައިވަނީ އަމީތާބްގެ ބައްޕަގެ ރޯލެވެ.

ފިލްމު "ޕާ"އަށް 14 އަހަރު ފުރުނުއިރު މި ފިލްމު ވުޖޫދަށް ގެނެވުނު ގޮތާމެދު މިހާރު ވެސް އަމިއްލަ ނަފުސާ ސުވާލުކުރެވޭ ކަމަށް ޑައިރެކްޓަރު އާރް ބަލްކީ ވަނީ ބުނެފައެވެ.

ވަރަށް ތަފާތު މައުޟޫއުތަކަށް ފިލްމު އުފައްދާ އާރް ބަލްކީއަށް "ޕާ" އުފެއްދުންވީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށާއި ހާއްސަކޮށް އަބީޝެކް ފިލްމަށް ގެނައުން ފަސޭހަނުވިކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ. އަމީތާބް ކުޅުނު އޯރޯގެ ކިބައިގައި ހުރި ޖެނެޓިކް ޑިސްއޯޑާގެ ސަބަބުން އޭނާއަކީ ޒުވާން ޢުމުރުގައި މުސްކުޅިވުމުގެ ސިފަޖެހި އެކަމުގެ އަލާމާތްތައް ހުންނަ ކުއްޖެކެވެ. އޯރޯގެ ކެރެކްޓާއަށް އަމީތާބު ބައްޗަން ފެއްތުމަށް ކޮންމެ ދުވަހަކު ހެނދުނު ހަތަރު ގަޑިއިރު އަމީތާބްގެ މޭކަޕްކުރުމަށް ހޭދަވި ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މޭކަޕް ކުރުމަށް ފަހު ކެއުމާއި ބުއިމާއި ފާޚާނާއަށް ދިއުން ވެސް އަމީތާބަށް މަނާކުރެވުނު ކަމަށާއި ހިންދީ ސިނަމާގެ ލެޖެންޑުގެ ސިއްޙަތާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހި ކަންބޮޑުވީ ކަމަށް ވެސް ބަލްކީ ވަނީ ބުނެފައެވެ.

ފިލްމު "ޕާ"ގެ ޚިޔާލު ބައެއް ފަރާތްތަކާ އެކު ހިއްސާކުރުމުން އެއީ ވާނެކަމެއް ނޫންކަމަށް ވަރަށް ގިނަ ބަޔަކު ޑައިރެކްޓަރު އާރް ބަލްކީ ގާތު ބުނި ނަމަވެސް އެއީ ކުރެވިދާނެ ކަމެއްކަން އޭނާ ވަނީ ސާބިތު ކޮށްދީފައެވެ.

އަމީތާބް ބައްޗަން، ވިދްޔާ ބާލަން ކުރީގެ އެކްޓަރު ރިޝީ ކަޕޫރާ އެކު
އަބީޝެކާ އެކު ބަތަލާ ވިދްޔާ ބާލަން އަމީތާބުގެ މަންމަގެ ރޯލު ކުޅުނު މި ފިލްމުގެ ސެޓުގައި އަމީތާބް ދެއްކި ކެތްތެރި ކަމުގެ ނަމޫނާ އަކީ މިހާރުގެ ފިލްމީ ތަރިންގެ ފަރާތުން ވަރަށް ނުފެންނަ މަންޒަރެއް ކަމަށް ބަލްކީ ބުނެފައިވެއެވެ.

އުމުރުން 64 އަހަރުގައި ފިލްމު ސެޓުގައި އެހާ ވަރުގަދަ މޭކަޕާ އެކު އެތައް ގަޑިއިރެއް ވަންދެން ކެތްކޮށްލެވޭނީ ވަރަށް ހިތްވަރު ގަދަ އެކްޓަރަކަށް ކަމަށް ބަލްކީ ވަނީ ބުނެފައެވެ. މި ފިލްމުން އަމީތާބަށް އެ އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ކެޓެގަރީއިން ޤައުމީ އެވޯޑް ވަނީ ލިބިފައެވެ. އެންމެ 17 ކްރޯޑް ރުޕީސްއިން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 30 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.

comment ކޮމެންޓް