އެސްޓީއޯއިން ވިއްކާ ބައެއް އުފެއްދުންތަކަށް ހަކަތަރި ލޭބަލް ދީފި

އެސްޓީއޯ ޕީޕަލް ޗޮއިސް-- ސަން ފޮޓޯ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ލިމިޓެޑް (އެސްޓީއޯ)އިން ވިއްކާ ބައެއް އުފެއްދުންތަކަށް "ހަކަތަރި" ލޭބަލް ދޫކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ލޭބަލް ދޫކުރަން ފެށީ، އެ މިނިސްޓްރީން އެންވަޔަރަމަންޓް އެންޑް އެނާޖީގެ 'ހަކަތަ ސަމަކާރަ' ލޭބަލު ޖެހުމަށް ޓަކައި ކުރިއަށްގެންދާ "ހަކަތަރި" ޕްރޮގްރާމުގެ ދަށުންނެވެ.

އެގަތުން، ހަކަތަރި ލޭބަލް ދޫކޮށްފައިވަނީ، އެސްޓީއޯއިން ވިއްކާ 15 މޮޑެލްގެ އައިސް އަލަމާރިއަށާއި، ހަތަރު އެއާ ކޮންޑިޝަން ބްރޭންޑަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން ރަޖިސްޓަރު ކުރެވެނީ އޭސީ، އައިސްއަލަމާރި، އަދި ދޮންނަމެޝިނު އެކަންޏެވެ.

އެގޮތުން މިހާތަނަށް، އޭސީގެ 14 މޮޑެލާއި އައިސް އަލަމާރީގެ 15 މޮޑެލްއެއް ރަޖިސްޓަރުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު ތަރި އަދި ފަސް ތަރީގެ އޭސީ އާއި ތިން ތަރި އަދި ހަތަރު ތަރީގެ އައިސްއަލަމާރިއެވެ.

މި ލޭބަލްގެ ޒަރީއާއިން ގޭބީސީތަކުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ އާލާތްތައްކަމަށްވާ އޭސީ، ފްރިޖު އަދި ދޮންނަ މެޝިނުން ގަޑިއަކު މަސައްކަތްކުރާ މިންވަރާއި، އަހަރަކު ހަކަތަ ބޭނުންކުރާ މިންވަރު އެނގޭނެއެވެ. އަދި، ފަސް ތަރީގެ މިންގަނޑަކުން އެ އުފެއްދުމެއްގެ ސަމަކާރަމިން ވެސް ފެންނަން ހުންނާނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހަކަތަރި ޕްރޮގްރާމްގެ މަގްސަދަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ޚާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ.

comment ކޮމެންޓް