އިސްރާއީލުގެ މަސްލަހަތު އޮންނަ ކޮންމެ އާގުބޯޓަކަށް ހޫޘީން ހަމަލާ ދެނީ

ރަތްކަނޑުން ދަތުރުކުރާ ބޯޓަކަށް ހަމާލާދީފައި

އިސްރާއީލުގެ ސަރުކާރާއި އެ ގައުމުގެ ކުންފުނިތަކާއި އަދި ވިޔަފާރިވެރިންނަށް ނިސްބަތްވާ އެއްވެސް ކަނޑު ބޯޓަކަށް ރަތްކަނޑުގައާއި ގަލްފު އޮފް އަދަން ސަރަހައްދުގައި ރައްކާތެރިކަމާ އެކު ދަތުރު ނުކުރެވޭނެކަމަށް ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުން ބުނެފިއެވެ.

ހޫޘީ ޖަމާއަތުގެ އަސްކަރީ ގޮފީގެ ތަރުޖަމާން ޔަހްޔާ ސަރީޢު ވިދާޅުވި ގޮތުގައި ރަތްކަނޑުން ބާބުލްމަންދަބު ކަނޑުއޮޅި ހުރަސްކޮށް އަރަބި ކަނޑަށް ނުކުތް އިސްރާއީލުގެ ދެ އާގުބޯޓަކަށް ރޮކެޓު ހަމަލާތަކެއް އިއްޔެ ވާނީ ދީފައެވެ.

އެމެރިކާގެ އަސްކަރީ މަސްއޫލުވެރިއަކު ވަނީ ޔަމަންގެ ކައިރިން (ރަތްކަނޑުން ގަލްފު އޮފް އަދަނަށް) ދަތުރުކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާތަކެއް ދިންކަމަށް ވިދާޅުވެފައެވެ. އެ ހަމަލާތަކުގެ ފަހަތުފައިވާކަމަށް ބެލެވެނީ ހޫޘީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން މެރިޓައިމް ސެކިއުރިޓީއާ ބެހޭ އަމިއްލަ ކުންފުންޏަކުން ވަނީ ރަތްކަނޑުން ބާބުލްމަންދަބު ކަނޑުއޮޅި ހުރަސްކޮށް އަރަބި ކަނޑަށް ނުކުތް އިނގިރޭސިވިލާތުގެ އާގު ބޯޓަކަށް ވެސް ރޮކެޓް ހަމަލާއެއް އެރިކަން ކަށަވަރުކޮށްދީފައެވެ. އިސްރާއީލު ބުނާގޮތުން އެ ގައުމުގެ އާގު ބޯޓަކަށް އެއްވެސް ހަމަލާއެއް އަރާފައެއް ނުވެއެވެ.

ހޫޘީން އިސްރާއީލުގެ ބޯޓެއް ހައިޖެކް ކުރުމަށްޓަކައި ވައިގެ މަގުން އެބޯޓަށް އަރަނީ

ހޫޘީ ހަނގުރާމަވެރިން މީގެ ތިން ހަފުތާ ކުރިން ވަނީ ރަތްކަނޑުން ދަތުރުކުރަމުން ދިޔަ އިސްރާއީލުގެ ބިޔަ އާގު ބޯޓަކަށް އަސްކަރީ ހެލިކޮޕްޓަރެއް ބޭނުންކޮށް އަރައި އެ ބޯޓު ހައިޖެކް ކޮންގެން ޔަމަންގެ ބަނދަރަކަށް ގެންގޮސް އެ ބޯޓުގައިވާ 5،000 އަށް ވުރެ ގިނަ ވެހިކަލްތައް އަތުލައިގެންފައެވެ. އެ ބޯޓު މިހާރު ވެސް އޮތީ ހޫޘީންގެ އަތްދަށުގައެވެ.

އޭގެ ފަހުން ވެސް ހޫޘީން ވަނީ އިސްރާއީލުގެ ދެ އާގު ބޯޓަކަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. ހޫޘީންގެ ހަމަލާތައް އެރި އާގު ބޯޓުތަކަކީ އިސްރާއީލުގެ ބޯޓުތަކެއް ނޫން ކަމަށް އެ ގައުމުން ބުނެއެވެ. އިސްރާއީލު މިހެން ބުނަނީ ހޫޘީންގެ ހަމަލާތައް ދިފާއުނުކުރެވޭތީ ލަދުންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ނަމަވެސް މީޑީއާ ރިޕޯޓްތަކުން ހާމަވާގޮތުގައި ހޫޘީން ހަމަލާތައްދިން އާގު ބޯޓުތަކަކީ އިސްރާއީލުގެ ސަރުކާރުގެ ބޯޓުތަކަށްނުވި ނަމަވެސް އެއީ އިސްރާއީލުގެ މަސްލަހަތު ހުރި ބޯޓުތަކެކެވެ. ސަބަބަކީ އެއީ އިސްރާއީލުގެ ކުންފުނިތަކުންނާއި އަދި ވިޔަފާރިވެރިން މުދާ އުފުލުމަށް ކުއްޔަށް ހިފައިގެން އުޅޭ ބޯޓުތަކަކަށްވާތީއެވެ.

ހޫޘީ ހަނގުރާމަވެރިން އިއްޔެ ހަމަލާދިން ދެ އާގު ބޯޓުކަމަށްވާ "ޔުނިޓީ އެކްސްޕްލޯރު" އާއި "ނަންބަރު ނައިން"އަކީ ވެސް އިސްރާއީލުގެ ވިޔަފާރިވެރިން ކުއްޔަށް ހިފައިގެން އުޅޭ ބޯޓުތަކެއްކަން ވަނީ ހާމަވެފައެވެ.

ހޫޘީންގެ ތަރުޖަމާން ޔަހްޔާ ސަރީޢު ވިދާޅުވި ގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުންގެ ނަސްލު ނައްތައިލުމަށް ހިންގާ ގަތުލުއާންމުތައް ކުރިއަށް ގެންދާހާ ހިނދަކު އިސްރާއީލުގެ ބޯޓަކަށް ވެސް އަދި އިސްރާއީލުގެ މަސްލަހަތު އޮންނަ ބޯޓަކަށް ވެސް ރަތްކަނޑާއި ގަލްފު އޮފް އަދަންގައި ރައްކާތެރިކަމާ އެކު ދަތުރެއް ނުކުރެވޭނެއެވެ. ރަތްކަނޑާއި ގަލްފު އޮފް އަދަންއިން ދަތުރުކުރާ މިފަދަ ބޯޓުތަކަށް ޑްރޯނުން ނޫނީ މިސައިލުން ހަމަލާދެމުން ގެންދާނެއެވެ.

ހޫޘީންގެ މި އަމަލުތަކާ ގުޅިގެން އިސްރާއީލަށް ދަތުރުކުރާ ބޯޓުތަކާއި އިސްރާއީލަށް ގެންދާ މުދަލުގެ އިންޝުއަރެންސް ވަނީ އެތައް ގުނައެއް ބޮޑުވެފައެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ ވިޔަފާރިވެރިންނާއި ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އިސްރާއީލުގެ މަސްލަހަތު އޮންނަ އާގު ބޯޓުތަކަށް ހޫޘީން ދޭ މިފަދަ ހަމަލާތައް ގިނަވަމުންދާތީ އެމެރިކާ އިސްނަގައިގެން އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ހޫޘީން ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް ހޫޘީން ބުނަނީ އދ.ގެ މި ގަރާރަށް އެ ޖަމާއަތުން ބޯނުލަނބާނެ ކަމުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު