ކޯރަމް ހަމަނުވުމުން ކުންފުނީގެ ބިލަށް ވޯޓަށް އެހުން މާދަމައަށް

މަޖިލިސް ޖަލްސާއެއް --- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން ހުށަހެޅި ކުންފުނީގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ވޯޓަށް އެހުން މިއަދަށް އެޖެންޑާކުރި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ މަސައްކަތް މާދަމައަށް ފަސްކޮށްލަން ޖެހިއްޖެއެވެ.

އެ ބިލުގެ ރިޕޯޓަށް މިއަދު ވޯޓަށް އަހަން އެޖެންޑާކުރި ނަމަވެސް މިއަދުގެ ވޯޓުގެ ވަގުތުގައި ހާޒިރުވެ ތިއްބެވީ އެންމެ 30 މެންބަރުންނެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ވޯޓު މާދަމާ ނަގަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހަން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 44 މެންބަރުންގެ ކޯރަމެއް ބޭނުންވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި އެ ބިލު ހިމެނޭހެން އިތުރު މުހިއްމު ބިލުތަކުގެ މަސައްކަތް ވެސް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ކުރީގެ ބަންޑާރަނައިބު ވެސް ވަނީ ކުރިން ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ކުންފުނީގެ ބިލުގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި:

  • ކުންފުނި އުފެއްދުމާއި ރަޖިސްޓްރީކުރުމާއި ހިންގުމާއި އުވައިލުމުގެ ހަމަތައް
  • އިގުތިސާދީ ބޭނުންތަކަށް އިންވެސްޓުކުރުން
  • ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ބަދަލު ގެނައުން
  • އިގުތިސާދީ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތައިލުން
  • ވީހާ ވެސް ދެފުށް ފެންނާނެ ގޮތަށް ބަދަލުކުރުން

ކުންފުންޏާއި ބެހޭ އާ ގާނޫނު ވެގެންދާނީ ވިޔަފާރީގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދައި, ދެމެހެއްޓުމަށް އެޅޭ އެންމެ މުހިންމު ބިންގަލަކަށް ކަމަށް މީގެ ކުރިން އިކޮނަމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިހާރު އަމަލުކުރަމުންދާ ކުންފުނިތަކާ ބެހޭ ގާނޫނަކީ މީގެ 25 ވަރަކަށް އަހަރުކުރިން އެކުލަވާލައިފައި އޮތް ގާނޫނެކެވެ.

comment ކޮމެންޓް