ޚާން ޔޫނިސްއަށް އެއްގަމު މަގުން ހަމަލާތައް ދޭން ފަށައިފި

އިސްރާއީލުން ހަމަލާތައް ދެމުންދާއިރު ފަލަސްތީނު ބަޔަކު ޚާން ޔޫނިސްގެ އިރުމަތިން ހުޅަނގަށް ދަނީ. ފޮޓޯ/އަލް އަހްރަމް އޮންލައިން

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް އިސްރާއީލުން އެއްގަމު މަގުން ހަމަލާތައް ދޭން ފަށައިފައިވާ ކަމަށް އިސްރާއީލު ސިފައިންގެ ރޭޑިއޯއިން ބުނެފިއެވެ.

ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ސަރަޙައްދު ކަމަށްވާ ޚާން ޔޫނިސްގެ ވަށައިގެންވާ ސަރަޙައްދު ހުސްކުރުމަށް އިސްރާއީލުން އާދީއްތަ ދުވަހު ވަނީ އަންގާފައެވެ. ޚާން ޔޫނިސްގެ ކައިރިން އޮތް ފަސް ސަރަޙައްދެއް ހުސްކުރުމަށްވެސް އިސްރާއީލުން ވަނީ އަންގާފައެވެ.

ޚާން ޔޫނިސްގައި ތިބި އާންމުން ބުނާ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ދެކުނުގެ ރަފަޙް ނުވަތަ ހުޅަނގު ދެކުނު އައްސޭރި ފަށު ސަރަޙައްދުތަކަށް ބަދަލުވުމަށް އަންގައި ލީފްލެޓްތައް ޚާން ޔޫނިސް ތެރެއަށް ވަނީ އުކާލާފައެވެ.

އޭގެފަހުން އިސްރާއީލުން އެ ސަރަޙައްދަށް އެއްގަމު މަގުން ހަމަލާތައް ދޭން ފަށާފައި ވަނީ އާދީއްތަ ދުވަހު ހަވީރުއެވެ. އިސްރާއީލުގެ ޗީފް އޮފް ސްޓާފް ޖެން ހަރްޒީ ވަނީ އެކަން ކަށަވަރު ވެސް ކޮށްދެއްވާފައެވެ.

އަދި ޣައްޒާގެ އުތުރަށް ދިން ހަމަލާތަކާ އެއްވަރުގެ ވަރުގަދަ ހަމަލާތަކެއް ދެކުނަށްވެސް ދޭނެ ކަމުގެ އިންޒާރު ޖެން ދެއްވާފައިވެއެވެ. އިސްރާއީލުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރާނެ ކަމަށްވެސް ޖެން ވިދާޅުވިއެވެ.

ހަމަލާތަކުގެ ސަބަބުން ޚާން ޔޫނިސްއިން ޝަހީދުވި ތިން މީހުންނާއި ޒަޚަމްވެފައިވާ 10 މީހުން ޚާން ޔޫނިސްގެ މައި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން އާދީއްތަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ފެށިފަހުން މިހާތަނަށް 15،523 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރެއިން 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި 40،000އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް އެތައް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 75 އިންސައްތަ މީހުން ނުވަތަ ގާތްގަނޑަކަށް 1.8 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނެއެވެ.

comment ކޮމެންޓް