އދ. ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓްހައުސްތަކުން ނެގި ކުނީގެ ތެރެއިން ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އުސްމާން ވިދާޅުވީ، ދިގުރަށުގައި ހުންނަނީ ކުނި މެނޭޖްކުރާ ސެންޓަރެއް ކަމަށެވެ. ސެންޓަރުގެ މުވައްޒަފުން ކޮންމެ ދުވަހަކު ރަށުގެ ގޭގެއިންނާއި ގެސްޓްހައުސްތަކުން ކުނި ނަގާ އެ ކުނި ނައްތާލުމުގެ މަސައްކަތް ކުރާކަމަށް އުސްމާން ވިދާޅުވިއެވެ.
އުސްމާނު ވިދާޅުވި ގޮތުގައި ތުއްތު ކުއްޖާ ފެނިފައި ވަނީ ކުނި ނެގުމަށްފަހު ސެންޓަރަށް ގެންގޮސް ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނެގުމުގެ ތެރެއިންނެވެ.
އޭނާ ވިދާޅުވީ، ކުއްޖާ ފެނުމާއެކު ސެންޓަރުން އެކަން ކައުންސިލަށް އެންގި ކަމަށެވެ. އަދި ކައުންސިލުން އެކަން ވަގުތުން ފުލުހަށް ރިޕޯޓު ކުރިކަމަށެވެ. އުސްމާނު ވިދާޅުވީ ކުއްޖާއަކީ އަންހެން ކުއްޖެއްކަމެއް ނުވަތަ ފިރިހެން ކުއްޖެއްކަމެއް އޭނާއަށް ނޭންގޭ ކަމަށެވެ. އަދި ކުއްޖާ ވިހާފައި ވަނީ ދުވަސްފުރާކަން ވެސް ނޭންގޭ ކަމަށެެވެ.
މިކަމާ ގުޅިގެން މިއަދު ފުލުހުން ބުނީ، އެ ރަށުގައި ކުޑަކުއްޖަކު ވިހެއުމަށް ފަހު އެއްލައިލާފައި އޮއްވައި ފެނުނު ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:20 އެހާކަންހާއިރު ކަމަށެވެ.
އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
"މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިނުވާއިރު، ފުލުހުން ބުނީ މައްސަލައިގެ އިތުރު ތަފުސީލު ލިބެމުންދާ މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.