އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ބާންލީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-5ގެ ނަތީޖާއަކުންނެވެ. އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ވެސް ބާންލީއެވެ.
މި މެޗުގައި އެ ޓީމުން ވަނީ ސީޒަންގައި ޗެމްޕިއަންޝިޕުގައި ދެއްކި މޮޅު ކުޅުން ދައްކައިލައފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ބާންލީއިން ލީޑު ނަގައިފައިވަނީ މެޗުގެ ފުރަތަމަ މިނެޓްގައެވެ. އެ ލަނޑު ޓީމަށް ޖަހައިދިނީ ޖޭ ރޮޑްރިގޭޒްއެވެ. އަދި މެޗުގެ 29ވަނަ މިނެޓްގައި ޖޭކޮބް ބްރޫން ލާސެންވަނީ ލަނޑެއް ޖަހައި ބާންލީގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޝެފީލްޑުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެ ކަން ކާމިޔާބެއް ނުވިއެވެ.
އެ ކަމަށް ހުރަހަކަށްވީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޮލީ މެކްބްރައިންއަށް ދެވަނަ ރީނޑޫ ކާޑާއެކު ދަނޑުން ފޮނުވައިލުމުންނެވެ.
މި މެޗުގައި ބާންލީގެ ތިންވަނަ ލަނޑު މެޗުގެ 73ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒެކީ އަމްދޮއުނީއެވެ. އޭގެ އިރުކޮޅެއް ފަހުން ބާންލީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ލޫކާ ކޮލިއޯޝޯއެވެ. އަދި މި މެޗުގައި އެ ޓީމުގެ ފަހު ލަނޑު މެޗުގެ 80ވަނަ މިނެޓްގައި ޖަހައިދިނީ ޖޯޝް ބްރައުންހިލެވެ.
މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ބާންލީއަށް މޮޅުވެވުނު ފުރަތަމަ މެޗެވެ. މި ކާމިޔާބީއާއެކު ބާންލީ މިހާރު އުޅެނީ 14 މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.