ކޮންމެ ހުކުރު ދުވަހަކު ރާއްޖޭގެ މިސްކިތްތަކުގައި އިއްވާ ހުކުރު ޚުތުބާގެ ތަރުޖަމާ އެކި ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހަދައި، އިނގިރޭސި ސަބްޓައިޓަލް ލައިވްގައި ދައްކަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
މި ނިންމުން އެ މިނިސްޓްރީން ނިންމީ ޚުތުބާގެ ކަންކަމުގައި މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓާއެކު އޮތް ބައްދަލުވުމަކަށް ފަހުގައެވެ.
ބައްދަލުވުމުގައި ނިންމި ނިންމުންތައް ހިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ވެސް ޚުތުބާ ކިޔާނީ ދިވެހިބަހުން ކަމަށެވެ.
އެހެން ނަމަވެސް ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ދިރިއުޅެމުން އައުމާއެކު ޚުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ޚުތުބާގެ ލައިވް ބްރޮޑްކާސްޓުގައި އިނގިރޭސި ސަބްޓައިޓަލް ވެސް އަރުވަން ނިންމައިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ރާއްޖޭގެ މިސްކިތްތަކުގައި ޚުތުބާތައް ގެންދާނީ ދިވެހި ބަހުން. ޚުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހަދާނެ. އަދި ލައިވްކޮށް އިނގިރޭސިން ސަބްޓައިޓަލް އަރާ ގޮތައް ހަދާނެ އިންޝާﷲ،" މިނިސްޓަރު ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވައިފައިވެއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ އިޝާރާތުގެ ބަހުން ވެސް ޚުތުބާ ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.
ހަމައެއާއެކު ބިދޭސީ މަސައްކަތްތެރިންނަށް ރަނގަޅު އަޚްލާގް ދަސްކޮށްދިނުމުގެ ގޮތުން އެކި ގައުމުތަކުގެ އެމްބަސީތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަށާނެކަމަށް ވެސް ވިދާޅުވިއެވެ.
ޚުތުބާއާ ގުޅޭގޮތުން މިއަދު ނިންމުންތަކެއް ނިންމީ އިނގިރޭސި ބަހުން މާލޭގެ އެއް މިސްކިތުގައި ޚުތުބާ ކިޔުމާމެދު އާންމުންގެ ޚިޔާލަށް މިދިޔަ ހަފުތާގައި ހުޅުވައިލުމަށްފަހުގައެވެ.