ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ގްރަނާޑާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް އަނެއްކާ ވެސް ރެއާލުން އަރައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ރެއާލުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ރެއާލުން ލީޑުނެގީ މެޗުގެ 26ވަނަ މިނެޓްގައެވެ.
މި ލަނޑު ޓޯނީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ބްރަހީމް ޑިއާޒްއެވެ. އަދި އެ ޓީމްގެ ދެވަނަ ލަނޑު މެޗުގެ 57ވަނަ މިނެޓްގައި ޖަހައިދީ ލީޑު ފުޅާކޮށްދިނީ ރޮޑްރިގޯއެވެ.
މި މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ރެއާލައަށް ލިބި ބޭކާރުވީއެވެ.
ރެއާލުން އެއްވަނައިގާ އޮވެގެން ފެށި ނަމަވެސް ޖިރޯނާ އިން ވެލެންސިއާ ބަލިކުރުމާއެކު އެ ޖިރޯނާ ވަގުތީ ގޮތުން އެއްވަނައަށް އެރިއެވެ. ނަމަވެސް ރެއާލުން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމް އަލުންވަނީ ގޯލުގެ ތަފާތުން އެއްވަނައަށް އަރައިފައެެވެ.