އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރިމެޗު ނިއުކާސްލް ކާމިޔާބު ކޮށްފިއެވެ.
ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-1ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެެއް އުފެއްދީ ނިއުކާސްލުންނެވެ.
މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ފުރަތަމަ ހާފުގައި ލިބުނެވެ. ޚާއްސަކޮށް އެ ހާފްގައި ނިއުކާސްލްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮޮށްލެވެއެވެ.
އެގޮތުން އެލެގްޒެންޑާ އިސާކް ފޮނުވާލި ހަމަލާ، ހެރީ މެގުއާ ގައިގައި ޖެހި ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު، ކިއެރަން ޓްރިޕިއާ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 55ވަނަ މިނެޓްގައި ޖަހައި ނިއުކާސްލްއަށް ލީޑު ނަގައިދިނީ އެންތަނީ ގޯޑަންއެވެ.
މި މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. ނަމަވެސް އިތުރު ލަނޑެއް ނުފެނެއެވެ. މި މެޗު ނިއުކާސްލްއަށް ކާމިޔާބު ކުރެވުނު ނަމަވެސް އެ ޓީމުގެ ކީޕާ ނިކް ޕޯޕްއަށް ވަނީ މި މެޗުގައި އަނިޔާވެފައެވެ.
މި ކާމިޔާބީއާއެކު ނިއުކާސްލްއިން މިހާރު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔުނައިޓެޑް ބަލިކޮށްފައެވެ. އަދި ނިއުކާސްލް މިހާރު އުޅެނީ 14 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޔުނައިޓެޑް މިހާރު އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.