ވުލްވްސް ބަލިކޮށް، އާސެނަލުން އެއްވަނައިގައި ހަމަޖެހިލައިފި

އާސެނަލްގެ ދެވަނަ ލަނޑު ޖަހައިދިން އޮޑެގާޑް -- ފޮޓޯ/ ޔޫރޯސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލުން ވުލްވަހެމްޕްޓަން ވޮންޑަރާސްގެ މައްޗަށް ކުރި ހޯދައި، ލީޑު ފުޅާކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ.

ފުރަތަމަ ސިކުންތާ އެކު އާސެނަލް ފެނިގެންދިޔައީ ހަމަލާއަށް އިސްކަން ދިން ތަނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ ހަވަނަ މިނެޓްގައި އާސެނަލުން މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބުކާޔޯ ސާކާއެވެ. މި ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން އާސެނަލުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ސާކާއާއި ގެބްރިއެލް ޖޭސުސް އަދި އެލެގްޒެންޑާ ޒިންޗެންކޯ ގުޅިގެން އުފެއްދި ހަމަލާ ގޯލްގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑްއެވެ.

މެޗުގައި ވުލްވްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓްގައި ޖަހައިދިނީ މެތިއުސް ކޫންޔާއެވެ.

މި ނަތީޖާއާ އެކު އާސެނަލް މިހާރު އޮތީ ކުޅުނު 14 މެޗުން ލިބުނު 33 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ. އަދި، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެމެދުގައި އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް އިތުރުވެފައެވެ. މި މެޗުން ބަލިވުމުން ވުލްވްސް އޮތީ 15 ޕޮއިންޓާ އެކު ތާވަލުގެ 13 ވަނައިގައެވެ.

comment ކޮމެންޓް