"ދަ ޑިމޮކްރެޓްސް"ގެ އެންމެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި ރައީސް ކަމަށް ވާދަ ކުރައްވާ ދެ ބޭފުޅުން ވެސް، ވޯޓުން ކުރީގައި އުޅުއްވަނީ އެ ބޭފުޅަކު ކަމަށް ވިދާޅުވެ، ޚިޔާލު ތަފާތުވުން ފާޅުކުރައްވައިފިއެވެ.
އެ ޕާޓީގެ ރައީސްކަން ކާމިޔާބު ކުރައްވައިފި ކަމަށް ވިދާޅުވެ، ފުރަތަމަ އެކަން އިއުލާން ކުރެއްވީ ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވި ހަސަން ލަތީފެވެ. އޭނާ އެހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަމަވެސް 'ސަން'އާ ވާހަކަދައްކަވަމުން، އެ މަގާމަށް ދެން ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީޖާ މޮނިޓާ ކުރި ކުރުމުން ފެންނަނީ އޭނާ ކުރީގައި އުޅުއްވާތަން ކަމަށެވެ.
އޭނާ ވިދާޅުވީ ކާމިޔާބީ އިއުލާން ނުކުރައްވައި، މަޑުކުރެއްވީ ޕާޓީން ވަގުތީ ނަތީޖާ އިއުލާނުކުރަންދެން ކަމަށެވެ.
"މަޑުކޮށްގެން ހުއްޓާ ކުއްލިއަކަށް ކާމިޔާބުވެއްޖެކަމަށް ވިދާޅުވެ ފެނުނީ ޓްވީޓުކުރެއްވިތަން. އެކަން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެކަމާ ގުޅިގެން ކަންބޮޑުވުންތައް އެބަހުރި ކަމަށާއި ހަސަން ލަތީފް އެގޮތަށް ކާމިޔާބުވެއްޖެ ކަމަށް ވިދާޅުވެ އިއުލާނުކުރެއްވި ކުރެއްވުން ގަބޫލުނުކުރެވޭ ކަމަށެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ ފުރަތަމަ އިންތިޚާބު ހެނދުނު 10 ޖެހިއިރު ފަށައިގެން ހަވީރު ހަތަރަކާ ހަމައަށް ކުރިއަށްގެންދިޔައެވެ.
ނަތީޖާ ލަސްވުމާ ގުޅިގެން އެ ޕާޓީގެ ބައެއް މެންބަރުންނާއި އާންމުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި އިންތިޚާބުގައި ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 35 މަގާމަކަށް މީހުން އިންތިޚާބު ކުރާނެއެވެ.
އެމްޑީޕީއާއެކު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ، މިއަހަރު މެއި މަހުގެ 24 ވަނަ ދުވަހުއެވެ.
އެ ޕާޓީން މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބިފައި ވަނީ ގާތްގަނޑަކަށް 15،800 ވޯޓެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހާ ހަމައަށް އެ ޕާޓީގައި ތިބީ 3280 މެންބަރުންނެވެ.