ބުދަ ދުވަހު މާލޭގައި ހިންގި މާރާމާރީ އާއި ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން މި ދެ ސަރަހައްދުގައި ފުލުހުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ޚާއްޞަ މަސައްކަތްތަކެއް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި މާލެއިން އިތުރު ޓީމްތަކެއް އައްޑުއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެއެވެ.
އައްޑޫގައި ރޭ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ބޮޑު މާރާމާރީގައި 30 އަހަރުގެ ދިވެހި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
އެ މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ ބުދަ ދުވަހު މާލޭ ބޭރުމަގުން, ހެންވެއިރު ޗީބޯ ކައިރީ ހިންގި މާރާމާރީގައި ބައިވެރިވިކަމުގެ ތުހުމަތުގައި ފުލުހުން ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ އުމުރުން 18 އަހަރާއި، 22 އަހަރާއި، 24 އަހަރުގެ ތިން މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ފަހަކައަށް އައިސް މާރާމާރީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.