ރައީސް އައިއެސްޑީބީގެ ވެރިޔާއާ ބައްދަލުކުރައްވައި، އިގްތިސާދީ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ވެރިޔާ ޑރ މުޙައްމަދު ސުލައިމާން އަލް ޖާސިރާ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ ވެރިޔާ ޑރ މުޙައްމަދު ސުލައިމާން އަލް ޖާސިރާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެ މަނިކުފާނު އައިއެސްޑީބީގެ ވެރިޔާއާ ބައްދަލުކުރެއްވީ ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ވެރިންނާއެކު ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިންނެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުގެ އަރިހަށް ވަޑައިގެން، އޭނާ ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ސަރުކާރުން އިސްކަންދޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ރާއްޖޭގައި އައިއެސްޑީބީ އެހީތެރިކަމާއެކު މިހާރުވެސް އަންނަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އަދި މީގެ ކުރިން ވެސް އެ ބޭންކުންވަނީ ރާއްޖޭގެ އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން ކޮވިޑްގެ ދުވަސްވަރު ރާއްޖެއަށް ސިއްހީ އާލާތްތައް ގަންނަން އައިއެސްޑީބީން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރެވެއެވެ.

މި ސަމިޓުގެ ތެރެއިން ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކާކަރުގެ އިތުރުން ވެސް އެހެނިހެން ގައުމުތަކުގެ ބޮޑުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް