ޕްރަބާސްގެ ފިލްމު 'ސަލާރު' މި މަހު 22ގައި ސިނަމާތަކަށް

ފިލްމު "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ފިލްމު "ސަލާރް ޕާޓް1"ގެ ޓްރައިލާ ދައްކާލުމަށް ފަހު ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނު ކޮށްފިއެވެ.

ސައުތު އެކްޓަރު ޕްރަބާސް ލިޑް ރޯލްއިން ފެންނަ މި ފިލްމުގެ ޓްރެއިލާ ބެލުންތެރިން އުއްމީދު ކުރިހާ ފުރިހަމަ ކަމަށާއި ފިލްމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ފިލްމަކީ، ޕްރަޝާންތުގެ "ކޭޖީއެފް" ފްރެންޗައިޒްގެ ފިލްމުތަކަށް ދޫނުކުރާނެ ފިލްމެއް ކަމުން "ކޭޖީއެފް"އަށް ލިބުނު ތަރުހީބު "ސަލާރު"އަށް ލިބޭނެ ކަމަށް މީޑިއާ ރިޕޯޓު ތަކުން ވަނީ ބުނެފައެވެ. ފިލްމު ބިނާވެފައި ވަނީ ރަސްކަމުގެ ތަޙުތު ހޯދުމަށްޓަކައި ބަޔަކު ހިންގާ ވަރުގަދަ ސިޔާސީ ރޭވުންތަކެއްގެ މައްޗަށެވެ.

ޕްރަބާސް އާއެކު ފިލްމުގައި ބަތަލާގެ ރޯލް ކުޅެފައި ވަނީ ބޮލީވުޑް ފިލްމުތައް ވެސް ކުޅޭ ބަތަލާ ޝްރޫތީ ހައްސަންއެވެ. ހަމައެއާއެކު ތަމަޅަ އަދި ތެލުގޫ ފިލްމުތަކުގެ އިތުރުން ހިންދީ ފިލްމުތައް ކުޅެފައިވާ ޕްރިތްވީ ރާޖް އަދި ސައުތު ސިނަމާގެ ގިނަ ފިލްމުތަކުގައި ނުބައިނުބައި ރޯލް ކުޅެފައިވާ ޖަގަޕަތީ ވެސް މި ފިލްމުން ފެންނާނެއެވެ.

'ސަލާރު'ގެ ޕޯސްޓަރެއް
ފިލްމު "ބާހޫބަލީ"އިން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޕްރަބާސްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭ "ސާހޯ"، "ރާދޭ ޝްޔާމް" އަދި ދާދި ފަހުން ރިލީޒްވި ފިލްމު "އަދިޕުރުޝް" ހިމެނެއެވެ.

މި މަހުގެ 22ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ސަލާރު"އަށް ފަހު ޕްރަބާސް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ" އިންނެވެ. އަމީތާބް ބައްޗަން އަދި ދިޕިކާ ޕަދުކޯން މުހިއްމު ރޯލް ކުޅޭ މި ފިލްމަކީ އަންނަ އަހަރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އެންމެ އުއްމީދީ އެއް ފިލްމެވެ.

comment ކޮމެންޓް