ބްރެންޓްފޯޑްގެ އިނގިރޭސި ފޯވަޑް އިވާން ޓޯނޭ ވިއްކާލަން ބޭނުންނުވާ ކަމަށް އެ ކްލަބުގެ ކޯޗު ތޯމަސް ފްރޭންކް ބުނެފިއެވެ.
ޓޯނޭ މި ވަގުތު ހުރީ ބެޓިން ގަވާއިދުތަކާ ޚިލާފުވުމުން އަށް މަސް ދުވަހުގެ ސަސްޕެންޝަނެއްގައެވެ. އޭނާގެ އެ ސަސްޕެންޝަން ނިމުމަކަށް އަންނާނީ އަންނަ މަހުގެ 16ގައެވެ. އެ ސަސްޕެންޝަން ނިމުމާއެކު ޓޯނޭއަށް ބްރެންޓްފޯޑަށް ކުޅުމުގެ ފުރުސަތު ލިބޭއިރު، އޭނާ ހޯދުމަށް ޗެލްސީ އަދި އާސެނަލުން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޓޯނޭ ވިއްކައިލުމަށް ބްރެންޓްފޯޑުން ނިންމައި، އޭނާގެ ޓްރާންސްފާ އަގު ވެސް ވަނީ ކުޑަކޮށްފައެވެ. ނަމަވެސް ބްރެންޓްފޯޑްގެ ކޯޗު ފްރާންކް ގަބޫލުކުރާ ގޮތުގައި ޓޯނޭ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
"އެންމެންނަށް ވެސް ފެންނާނެ މިދިޔަ އަހަރު އޭނާ ކުރި މަސައްކަތްތައް. އޭނާ ދޫކޮށްލަން އަހަރެން ބޭނުމެއް ނޫން. އަހަރެން އުންމީދުކުރަނީ ފެބްރުއަރީ އަންނައިރު ވެސް އޭނާ ހުންނާނީ ބްރެންޓްފޯޑް ކުޅުންތެރިއެއްގެ ގޮތުގައި ކަމަށްވުން،" 'އީވްނިން ސްޓެންޑާޑް'އަށް ދިން އިންޓަވިއުއެއްގައި ބްރެންޓްފޯޑްގެ ކޯޗު ބުންޏެވެ.
އިނގިރޭސި އެފްއޭއިން ހަދައިފައިވާ ބެޓިންގެ ގަވައިދުތަކާ ޚިލާފުވެގެން، ޓޯނޭގެ 232 މައްސަލައެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަމާލުކަމަށް އައިސްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިތުރު 30 މައްސަލައެއް އެފްއޭގެ ސަމާލުކަމަށް އައިސްފައިވެއެވެ.
ޓޯނޭއަށް ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފައިވަނީ ރަނގަޅު ކުޅުމެއް ދައްކައި، އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފައިވަނިކޮށެވެ.